ހޮލީވުޑްގެ އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށްވާ ޓޮމް ކްރޫޒްއަށް ލަވަކިޔުންތެރިޔާ ޝަކީރާ ވަރަށް ކަމުދާ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

ކްރޫޒް އާއި ޝަކީރާއާ ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދެކެވެން ފަށާފައިވަނީ ދާދިފަހުން ދެ މީހުން އެކީގައި ފެނިގެން ދިޔުމުންނެވެ. މިދިޔަ ހަފުތާ ބަންދުގައި އޮތް 'ފޯމިއުލާ ވަން' ގްރޭންޑް ޕްރީ އިވެންޓުގައި ދެ މީހުން ވަނީ ދިމާވެފައެވެ. އަދި، އެކީގައި މެޗު ބަލަން ތިބި އިރު ކްރޫޒްއަށް ޝަކީރާ ވަރަށް ކަމުގޮސްފައިވާ ކަމަށް ވާހަކަ ދެކެވެއެވެ.

ކްރޫޒްއާ ގާތް މަސްދަރެއް ބޭރުގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ކްރޫޒްއަށް ޝަކީރާ ކަމުގޮސް ޝަކީރާއާ އެކު އުޅުމަށް ބޭނުންވާ ކަމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.

އެގޮތުން ޝަކީރާ ދިރިއުޅޭ އެޑްރެސްއަށް ދާދި ފަހުން ކްރޫޒް ވަނީ މާ ބޮނޑިއެއް ޑެލިވާ ކޮށްފައި ކަމަށް ވެސް އެނާ މައުލޫމާތު ދެއެވެ.

ޝަކީރާ ވަނީ ދިގު ގުޅުމަކަށް ފަހު ދާދި ފަހުން ސިންގަލް ވެފައެވެ. މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޕީކޭއާ އެކު 2010ވަނަ އަހަރުން ފެށިގެން އެކީގައި އުޅުމަށް ފަހު ދެ މީހުން ވަކިވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ވޯލްޑް ކަޕުގެ މިއުޒިކް ތައްޔާރު ކުރުމުގެ ތެރެއިން ދެ މީހުން ދިމާވިއިރު ދެ މީހުން ވަކިވެފައިވަނީ އެންގޭޖު ވެސް ވެފައި ވަނިކޮށެވެ.

މިދިޔަ އަހަރު ދެ މީހުން ވަކިވެފައިވަނީ ޕީކޭ، ޝަކީރާއަށް ބޭވަފާތެރިވެ އެހެން އަންހެނަކާ އެކު ގުޅުން ބާއްވާފައިވާތީއެވެ. ޝަކީރާ އާއި ޕީކޭގެ ދެ ދަރިން ތިބެއެވެ.

އުމުރުން 60 އަހަރުގެ ކްރޫޒް ވަނީ އޭނާގެ ހަޔާތުގައި ތިން ކައިވެންޏެއް ކޮށްފައެވެ. އެންމެ ފަހުން ކައިވެނި ކޮށްފައިވަނީ ކޭޓީ ހޯމްސް އާއެވެ. ދެ މީހުން 2006ވަނަ އަހަރު ކައިވެނި ކުރިއިރު 2012ވަނަ އަހަރު ވަނީ ވަރިވެފައެވެ. ކްރޫޒްގެ ތިން ދަރިން ތިބެއެވެ.