ދެހާސް އެކާވީސް ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތެއް ދީފިއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ދިފާއީ ހެކި ހުށަހެޅުމަށް ތަހުމީނަށް ފުރުސަތު ނުދިނުމަށެވެ. އެއީ ހެކި ހުށަހެޅުމަށް ދިން ފުރުސަތު ހަމަވެގެން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ހެކި ހުށަހަޅާފައި ނުވާތީއެވެ.

އެކަން ފާހަގަކޮށް މިއަދު އޮތް އަޑުއެހުމުގައި ތަހުމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ, މީގެ ކުރިން އޭނާގެ މުވައްކިލުގެ ވަކީލް އިސްމާއީލް މުހައްމަދަށް ވަނީ ހެކި ހުށަހެޅޭ ގޮތް ނުވެފަ ކަމަށެވެ. އެހެންކަމުން އޭނާ މި މައްސަލައާ ހަވާލުވުމުން ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް ހަމްޒާ ވަނީ އެދިވަޑައިގެންފައެވެ.

އެކަމަށް ދައުލަތުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވެސް އިއުތިރާޒް ކޮށްފައެއް ނުވެއެވެ. ދިފާއެއް ބިނާކުރުމަށް އެންމެ މުހިންމު އެއްޗަކީ ދިފާއީ ހެކި ކަމަށް ދައުލަތުން ދެކެއެވެ. ނަމަވެސް ދިފާއަށް ހެކި ހުށަހެޅުމުގެ ފުރުސަތު ލިބި ހެކި ހުށަހަޅާފައި ނުވާކަން ވެސް ދައުލަތުން ފާހަގަކުރިއެވެ.

ގާނޫނުގައި ބުނާ މުއްދަތުގައި މީގެ ކުރިން ދިފާއީ ހެކި ހުށަހަޅާފައި ނުވަނީ އޭރު ހުންނެވި ވަކީލުގެ އިހުމާލުންކަން މައްސަލަ ބައްލަވާ ގާޒީ ޞަފްޢަތު ޙަބީބް ވެސް ފާހަގަކުރެއްވިއެވެ. އަދި ޝަރީއަތުން ނިންމީ ތަހުމީނަށް ހެކި ހުށަހެޅުމަށް އަލުން ފުރުސަތު ދިނުމަށެވެ. އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ދައުވާ ލިބޭ އެހެން މީހުންގެ ބައި މިއަދު ވަނީ ނިންމާލާފައެވެ.

ތަހުމީންގެ އިތުރުން ދެން އެ މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދަނީ, މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، މ. ކުދެހިގެ، އިސްހާގުގެ މައްޗަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.