ދިވެހި ރާއްޖޭގެ ގާނޫނާ އެއްގޮތަށް ވަރަށް ސާބިތުކަންމަތީ ރައީސުލްޖުމުހުރިއްޔާގެ ނައިބުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށް މިއަދު ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހިއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހުރިއްޔާގެ ނައިބުކަމުގެ ރުހުން މިއަދު މަޖިލިހުން ޑީން އަށް ދެއްވުމާ ގުޅިގެން ނައިބު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސުލްޖުމުހުރިއްޔާ އޮފީހުގައި ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކާއި ނައިބު ރައީސް ވަހިއްދީނާ ދެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަހިއްދީން ވިދާޅުވީ ގާނޫނާ އެއްގޮތަށް ކަމެއް ކުރައްވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ވަކި ކުލައަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް އެއް އުސޫލެއްގެ މަތިން ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާމު އަޅުގަނޑުމެން ގާނޫނާ އެއްގޮތަށް ނުކުރާނެ، އަދި ކުރަން ނުކުރޭނެ ކަމެއް ނޯންނާނެ. އަދި ގާނޫނާ އެއްގޮތަށް އަމަލުކުރަން ކެރޭނެ. ވަރަށް ސާބިތު ކަމާ އެކުގައި ރައީސްގެ ފަހަތް ޕުޅުގައި އަޅުގަނޑު ހުންނާނެ،" އަލަށް ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ވަހިއްދީން ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މިދުވަސްވަރަކީ ގައުމަށް ދިމާވެފައިވާ އެންމެ ހިތާމަވެރި ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކެއް ކަމަށާއި އެފަދަ ދުވަސްވަރެއްގައި ރައީސް އެމަނިކުފާނާ ހަވާލު ކުރައްވާ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ކަމާ އެކު އެމަނިކުފާނުގެ ގާބިލްކަން ތަންދިން އެންމެ މަތީ މިންވަރަކަށް އެމަސައްކަތްތައް ފުރިހަމަ ގޮތުގައި އަދާކުރެއްވުން މަތީ ހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިސް މެންބަރުން ދެއްވި ތައީދަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވަން ބޭނުން ތިޔަ ބޭފުޅުން އަޅުގަނޑަށް ތިޔަ ކުރެއްވި އިތުބާރު ތިޔަ ބޭފުޅުން ފަހުރުވެރިވެ ވަޑައިގަންނަވާ ޝަރަފުވެރިވެ ވަޑައިގެންނަވާ މިންވަރަށް އަޅުގަނޑު އެކަންތައް ގެންދާނަމޭ،" ވަހިއްދީން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވީ ނައިބު ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ވަހިއްދީނަކީ ރާއްޖެ އަށް ވަރަށް ގިނަ ރޮނގުރޮނގުން ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެގޮތުން ސަރުކާރުގެ އެކި މަގާމުތަކުގެ އިތުރުން މަދަނީ ޖަމިއްޔާތައް އުފެއްދުމުގައި ގައުމަށް ވަރަށް ގިނަ ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ.

"އެމަނިކުފަނަކީ ކުރީގެ ސަރުކާރުގައި އެޓޯލްސް މިނިސްޓަރުކަމުގެ މަގާމާއި ޔޫތުއެންޑް ސްޕޯރޓްސް މިނިސްޓަރުކަމުގެ މަގާމު ފުރައްވާ ފައިވާ ބޭފުޅެއް. ހަމައެއާ އެކު އަދި ހަމަ އެހެންމެ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމާއި ދައުލަތުގެ އެޑްވައިޒަރީ ބޯރޑްތަކުގެ މެންބަރު ކަންވަނީ ކުރައްވާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ވަހިއްދީނަކީ އިޖުތިމާއީ ހިދުމަތުގައި ވަރަށް ބޮޑަށް އެހީތެރިކަން ވެދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ނައީބު ރައީސް ކަމުގެ މަގާމަށް އެމަނިކުފާނަށް ވުރެވަކި ގާބިލް ބޭފުޅަކު ހުރިކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގައި ނައިބު ރައީސާއި އަދި 14 ވަޒީރުންނަށް މަޖިލިހުގެ މެންނބަރުން ރުހުން ދެއްވި ކަމަށް ޓަކައި އެމަނިކުފާނު ވަނީ މަޖިލިހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވަހިއްދީން ނައިބު ރައިސްކަމުގައި ހުންނެވުމަށް ރުހުންދިނުމަށް ފެންނަކަމަށް މަޖިލިހަށް ހާޒިރުވި 45 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.