10 May 2023, 08:59
މީގެ ދެ އަހަރުކުރިން އެކްޓަރު އަދި ޑައިރެކްޓަރު ފަރްޚާން އަޚްތަރު އިއުލާނުކުރި ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާ ރީމާ ކަގްތީ އާއި ޒީޔާ އަޚްތަރު ބުނެފިއެވެ.
ފިލްމު އިއުލާން ކުރުމާއެކު މިފިލްމު ވެފައިވަނީ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލްމަކަށެވެ. ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ތިން ބަތަލާއިން ކާސްޓުގައި ހިމެނުމަކީ މި ފިލްމަށް ބެލުންތެރިން އިންތިޒާރުކުރާ މައިގަނޑު އެއް ސަބަބެވެ.
ބަތަލާ އާލިއާ ބަޓް، ކެޓްރީނާ ކައިފް އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާއަކީ މިފިލްމުގެ ލީޑްރޯލްއިން ފެންނާނެކަމަށް އިއުލާނުކޮށްފައިވާ ތަރިންނެވެ. އޭގެ ތެރެއިން، ރަންބީރު ކަޕޫރު ދިގު މުއްދަތަކަށް ލޯބީގެގޮތުން ގުޅިގެން އުޅުނު ކެޓްރީނާ އާއި ރަންބީރުގެ އަންހެނުން އާލިއާ މި ފިލްމުން އެއްކޮށް ފެނުމަކީ ބެލުންތެރިންގެ ސަމާލުކަން ފިލްމަށް ލިބިފައިވާ ސަބަބެކެވެ. ރަންބީރުއާ ގުޅުމުގެކުރިން އާލިއާއާއި ކެޓްރީނާއަކީ ވަރަށް ގާތް ދެ އެކުވެރިންވެސްމެއެވެ.
މި ފިލްމު ބިނާކޮށްފައި ވަނީ ތަފާތު ދިރިއުޅުމެއްގައި އުޅެމުން އަންނަ ތިން އަންހެނުން ރާވައިގެންދާ ރޯޑް ޓްރިޕް ދަތުރަކަށެވެ. ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގައި ހިއްސާވާ ރީމާ ބުނެފައިވަނީ ފިލްމުގެ ކުރޫއިންވެސް އަންނަނީ މިފިލްމުގެ މަސައްކަތްފެށޭނެ ދުވަހެއްގެ އިންތިޒާރުކުރަމުން ކަމަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް ރީމާ ހާމައެއް ނުކުރެއެވެ.
މިފިލްމުގެ ލޮކޭޝަން ނިންމުމަށް ދާދިފަހުން ޑައިރެކްޓަރު އަދި އެކްޓަރު ފަރްޚާން އަޚްތަރުވަނީ އިންޑިއާގެ ރާޖަސްތާނަށްވެސް ދަތުރުކޮށްފައެވެ. ނަމަވެސް މިހާތަނަށް މިފިލްމުގެ ޝޫޓިން ކުރިޔަށްދާނެ ސަރަހައްދާބެހޭ މައުލޫމާތެއްވެސް ހާމަކޮށްފައެއްނުވެއެވެ.
މިފިލްމަކީ، 2019ވަނަ އަހަރު ފަރްހާން އާއެކު ޕްރިޔަންކާ ކުޅުނު ފިލްމު "ދަ ސްކައި އިޒް ޕިންކް"އަށްފަހު ޕްރިޔަންކާ ބޮލީވުޑް ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ. "ޖީ ލޭ ޒަރާ"ގެ އިތުރުން އެހެން ބޮލީވުޑް ފިލްމަކަށް ބަތަލާ ސޮއިކޮށްފައިވާކަމަށް ރަސްމީކޮށް އިއުލާނެއްނުކުރެއެވެ.