09 May 2023, 23:53
ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮންނަ "އެފްރިކަން ވިމެން ސަމިޓް-23"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޑިފެންސް މިނިސްޓަރު މާރިޔާ މިރޭ ފުރާވަޑައިގަންނަވައިފިއެވެ.
މި ސަމިޓަކީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އޮންނަ ސަމިޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން މިނިސްޓަރު މާރިޔާއަށް އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަތީފްގެ އިތުރުން މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހްމަދުއެވެ.

މާރިޔާ ކޭޕްޓައުނަށް ވަޑައިގަތުން --- ފޮޓޯ/ މިނިސްޓްރީ
މި ދަތުރުފުޅުގައި މާރިޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކާނަލް ޙަސަން ޢާމިރު އާއި މިނިސްޓަރު ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރު ދޭއް ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ދަޢުވަތު އެރުވައިގެން މާރިޔާ ކުރައްވާ ދަތުރުފުޅެެއް ކަމަށެވެ. އެހެންވެ، މާރިޔާގެ އަރިހުގައި ވަފްދުގައި ހިމެނި ވަޑައިގަންނަވާ ދެ ބޭފުންނަށް ސައުތް އެފްރިކާއަށް ވަޑައިގަތުމަށް ކުރައްވާ ދަތުރު ޚަރަދު ފިޔަވާ އެހެން ހުރިހާ ހަރަދެއް ކުރާ ގޮތަށް ހަމަޖެހިފައިވަނީ ސަމިޓް އޯގަނައިސް ކުރާ އޯގަނައިޒޭސޭޝަން ގެ ފަރާތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ސަމިޓަކީ، އެފްރިކާގެ ބައްރަށް ޢަމާޒުކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް، އިޖްތިމާއީ، ދިފާޢީ، ސިޔާސީ، އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ސަމިޓެކެވެ. އަދި، މިސަމިޓްގައި، އެފްރިކާގެ ބައްރުގެ ބޭރުން، އެހެނިހެން ދާއިރާތަކާއި ރޮނގުތަކުން ފާހަގަ ކުރެވޭ ކަނބަލުން ބައިވެރިވެ، ތަޤްރީރްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ސަމިޓްގައި، މިނިސްޓަރު މާރިޔާ ދީދީ ވަނީ ސަމިޓް ގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ތަގްރީރު ކުރައްވާ ގޮތަށް ހަމަޖެހިފައެވެ. އަދި، މި މިސަމިޓްގެ ތަފާތު ތީމްތަކަށް އަމާޒުކޮށް ބޭއްވޭ ޕެނަލް ޑިސްކަޝަން ތަކުގައިވެސް މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.