09 May 2023, 23:40
މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު، ފެމިލީ ކޯޓުން މައްސަލަތައް ނިންމަން ހޭދަވި މުއްދަތައް 41 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
އެ ކޯޓުން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މައްސަލަތައް ނިންމަން ހޭދަވާ މުއްދަތައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ފެމެލީ ކޯޓުން ބުނީ މިދިޔަ އަހަރު މައްސަލަތައް ނިންމަން އެވްރެޖްކޮށް، 34 ދުވަސް ހޭދަވެފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަހު، މައްސަލަތައް ނިންމުމަށް ހޭދަވީ 20 ދުވަސް ކަމަށް އެ ކޯޓުން ބުންޏެވެ.
އެ ކޯޓުން ބުނި ގޮތުގައި، އެ މުއްދަތަކީ މައްސަލަތައް ހައްލުކުރުމަށް ސުލްހަ މަރުހަލާގައި ހޭދަވާ މުއްދަތާއި ހަޟާނަތުގެ މައްސަލަތައް ފަދަ އާއްމުކޮށް ގިނަ ދުވަސްތައް ހޭދަވާ މުއްސަލަތައް ހިމެނޭނެހެން އެވްރެޖްކޮށް ހޭދަވި މުއްދަތެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މައްސަލަތައް ނިންމުމުގެ އަވަސްމިނުގައި 41 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.
މިދިޔަ އަހަރު އެންމެ ގިނަ މުއްދަތެއް ހޭދަވީ ހަޟާނާތުގެ މައްސަލަތަކާއި ވަރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލަތައް ނިންމުމަށެވެ. އެގޮތުން ހަޟާނާތުގެ މައްސަލަތައް ނިންމުމަށް އެވްރެޖް ގޮތެއްގައި 118 ދުވަސް ހޭދަވިއިރު، ވަރިވުމަށް އެދި ހުށަހެޅި މައްސަލަތައް ނިންމަން 24 ދުވަސް އެވްރެޖް ގޮތެއްގައި ހޭދަވިއެވެ.
މި އަހަރު ވެސް އެންމެ ގިނަ ދުވަސް ހޭދަވީ ހަޟާނާތުގެ މައްސަލަތައް ނިންމުމަށް ނަމަވެސް މި އަހަރު އެ މައްސަލަތައް ނިންމުމަށް އެވްރެޖް ގޮތެއްގައި ހޭދަވީ 56 ދުވަހެވެ.