10 May 2023, 08:51
މިމަހު 23ގައި ޒީ5އިން ސްޓްރީމްކުރަން ތައްޔާރުވެފައިވާ ފިލްމު "ސިރްފް އެކް ބަންދާ ކާފީ ހޭ" އެމެރިކާގެ ނިއުޔޯކް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ސްކްރީންކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ކުޅަދާނަ އެކްޓަރު މަނޯޖް ބަޖްޕައީ ލީޑްރޯލްއިން ފެންނަ މިފިލްމުގެ ޓްރެއިލާ މިމަހުގެ އަށް ވަނަ ދުވަހު ރިލީޒްވުމާއެކު ޓްރެއިލާއަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ.
މިފިލްމަކީ، އަޕޫރްވް ސިންގް ޑައިރެކްޓްކޮށް ސުޕަން އެސް ވަރުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސުޕަން ވަރްމާއަކީ އެމޭޒަން ޕްރައިމްގެ ކާމިޔާބު ސީރީސް "ދަ ފެމިލީ މޭން"ގެ ޓީމުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
މިހާތަނަށް ފެނިގެންދާނެ އެންމެ ވަރުގަދަ ލީގަލް ކޯޓް ރޫމް ޑްރާމާގެ ގޮތުގައި ސިފަކޮށްފައިވާ "ބަންދާ"އަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ފުރާވަރުގެ އަންހެން ކުދިންތަކަކަށް އިންސާފު ހޯދައިދިނުމުގެގޮތުން ވަކީލަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ މިފިލްމުގައި މިކުދިންނަށް އިންސާފު ހޯދައިދިނުމަށް އިންޑިއާގެ ވަކީލު ޕީސީ ސޮލާންކީ ޖެހިލުމެއްނެތި ކުރި މަސައްކަތް ދައްކުވައިދޭނެއެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފުލާގައި ވާހަކަދައްކަމުން މަނޯޖް ބުނެފައިވަނީ، ވަރަށް ޖަޒުބާތީ ހާދިސާއެއް ދައްކުވައިދޭ މިފިލްމުގައި ކުޅޭ ކެރެކްޓާއިން އެކަނިވެސް ވަރަށްގިނަ ކަންތައްތައް ތަޖުރިބާކުރެވި ދަސްވިކަމަށެވެ.
މިފިލްމު ބެލުމަށްފަހު، ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް އިންސާފު ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބޭނެ އުއްމީދުކުރާކަމުގައިވެސް މަނޯޖް ވަނީ ބުނެފައެވެ.
ފިލްމު ފެސްޓިވަލުގައި މިފިލްމު ސްކްރީންކުރުމަށް ނިންމުމާ ގުޅިގެން ފެސްޓިވަލުގައި ބައިވެރިވުމަށް މަނޯޖް ވަނީ އިއްޔެގެ ވަގުތެއްގައި ނިއުޔޯކަށް ގޮސްފައެވެ.
އިންޑިއާގެ ގައުމީ އެވޯޑްގެ އިތުރުން ފަޚުރުވެރި ޕަދްމާ ޝްރީ ޝަރަފްވެސް ލިބިފައިވާ މަނޯޖް އެންމެފަހުން ފެނިފައިވަނީ ޑިޒްނީ ހޮޓް ސްޓާއިން ރިލީޒްކުރި ފިލްމު "ގުލްމޯހަރް"އިންނެވެ. ފިލްމު "ބަންދާ"ގެ އިތުރުންވެސް މަނޯޖް އަންނަނީ އިތުރު ދެ ފިލްމެއްގައި މަސައްކަތްކުރަމުންނެވެ.