25 Apr 2012, 16:55
ޗައިނާއަށް ކުރި ދަތުރުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އެނގުނު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ވެސް ބައިވެރިވަޑައިގެންނެވި ދަތުރުފުޅަށް ފަހު މަލީހު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ އާ މާސްޓާޕްލޭނަށް މުހިންމު މައުލޫމާތުތަކެއް ޗައިނާގެ އިންވެސްޓަރުންނާއި ޓޫރިސްޓުންގެ ކިބައިން ލިބުނު ކަމަށެވެ. ޗައިނާގެ މީހުންގެ ދަތުރުފަތުރާއި ކުޅިވަރުތައް ހިމަނައި އެ މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ރާއްޖޭގެ ރިސޯޓްތައް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރި ދަތުރުގައި ޗައިނާގެ ޓްއާ އޮޕަރޭޓަރުންނާއި ރާއްޖެއަށް އިންވެސްޓް ކުރަން ބޭނުންވާ މީހުންގެ ކިބައިންވެސް ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބުނު. އެބޭފުޅުންގެ ކިބައިން ލިބުނު ކޮމެންޓްތަކާއި އަދި އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތައް ހަތަރު ވަނަ މާސްޓާ ޕްލޭން އެކުލަވާލަމުން ދާއިރު އެ ޕްލޭންގެ ތެރޭގައި ވެސް ބޭނުން ކުރެވޭނެ، އެ ފަރާތްތަކުގެ ހުރި ބޭނުންތައް، މިސާލަކަށް ދަތުރުގެ ކުރުމުގެ ވައްޓަފާޅިއަށް ބަލައިގެން ޕްރޮޑަކްޓްތައް ބައްޓަން ކުރުން ފަދަ ކަންކަން،" މަލީހު ވިދާޅުވި އެވެ.
ޗައިނާއަކީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑުމާކެޓެވެ. ޗައިނާއިން ރާއްޖެއަށް މިދިޔަ އަހަރު ވެސް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.
މަލީހު ވިދާޅުވި ޗައިނާގެ ޓޫރިސްޓުންނަށް ރާއްޖެއިން ދިމާވާ އެންމެ ބޮޑު ދައްޗަކީ ރިސޯޓެއް ހޯދުމުގައި ދިމާވާ ދަތިތަކާއި ވިޔަފާރި ކުރުމަށް ލަގްޒަރީ ބްރޭންޑް ފިހާރަތައް ނެތުމާއި ރިސޯޓްތަކުގެ ހިދުމަތްތައް ބައްޓަންވެފައިވާ ގޮތް ކަމަށެވެ.
"އެމީހުންނަކީ ދަތުރުކުރާއިރު ވަރަށް ލަގްޒަރީ ބްރޭންޑްތައް ގަންނަ ބައެއް. އަދި ރިސޯޓްތަކުގެ ހިދުމަތްތަކާއި ގަޑިތައް ފަދަ ކަންކަން މިހިރީ ބަދަލުކުރަން [ޖެހޭ ކަންކަން] އަޅުގަނޑުމެން އެކަން ހިއްސާ ކުރާނަން،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާއަށް ކުރި ދަތުރުގެ ސަބަބުން ޗައިނާއިން ޗާޓާ އިތުރު ފުލައިޓްތަކެއް ފެށުމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށާއި މި އަހަރުގެ ޖޫން ޖުލައި ހިސާބުގައި ފުލައިޓްތައް ފަށާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މެގަ މޯލްޑިވްސް އާއި އެމްއެމްޕީއާރްސީ އާއި ޓޫރިސްޓުން ރިސޯޓްތައް އަދި ޓްރެވަލް އެޖެންޓުން ގުޅިގެން ޗައިނާގައި ބޭއްވި ރޯޑް ޝޯ ޗައިނާގެ ފަސް ސިޓީއެއްގައި ބޭއްވި އެވެ. އެއީ ބެއިޖިން އާއި ޝެންހާއީ، ސެންޒެން އަދި ސެންޑޫ އަދި ޗެންޑޫ އެވެ.