10 May 2023, 08:44
ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ޕްރޮޑަކްޝަންގެ މަސައްކަތް ހުއްޓާލައިފިއެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ރައިޓާސް ސްޓްރައިކް ނުވަތަ ލިޔުންތެރިންގެ ހަޅުތާލާ ގުޅިގެން ގިނަ އުފެއްދުންތަކެއްގެ މަސައްކަތް އަންނަނީ މެދު ކަނޑާލަމުންނެވެ.
އެމެރިކާގެ ރައިޓާސް ގިލްޑް (ޑަބްލިއުޖީއޭ) އިން އަންނަނީ ލިޔުންތެރިންނަށް މުސާރަ ލިބުމުގެ މައްސަލައިގައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަޅުލާތު ކުރަމުންނެވެ. ޓީވީ ޝޯތަކާއި ފިލްމުތަކުގައި މަސައްކަތް ކުރާ ލިޔުންތެރިންނަށް އެކަށީގެންވާ އުޖޫރާ ނުދިނުމާ ގުޅިގެން މި ހަޅުލާތު ފަށާފައިވާއިރު އެކަމާ ގުޅިގެން އެތައް ބައެއް އަންނަނީ މަސައްކަތްތައް ހުއްޓައިލަމުންނެވެ.
އެގޮތުން ސްޓްރޭންޖާ ތިންގްސްގެ ޕްރޮޑިއުސަރުން ކަމަށްވާ މެޓް ޑަފާ އާއި ރޮސް ޑަފާ ބުނެފައިވަނީ އެ ހަޅުތާލުގައި ސްޓްރޭންޖާ ތިންގްސްގެ ކްރޫއިންނާއި ކާސްޓުން ބައިވެރިވާނެ ކަމަށެވެ. އަދި، ލިޔުންތެރިންނަކީ އުފެއްދުންތަކަށް އެންމެ މުހިއްމު އެއް ބައި ކަމަށްވާތީ އެ މީހުންގެ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށް އެ މީހުން ވަނީ ބުނެފައެވެ.
ޑަފާ ދެބެން ބުނާ ގޮތުގައި މައްސަލަ ވަކި ކޮޅެއްގައި ޖެހި އެކަށީގެންވާ ހައްލެއް ހޯދެން ދެއް ސްޓްރޭންޖާ ތިންގްސްގެ ޕްރޮޑަކްޝަން އޮންނާނީ ހުއްޓައިލައިފައެވެ.
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނުވަތަ ފަސްވަނަ ސީޒަންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މި ޝޯގެ ފަހު ސީޒަން އާންމުންނަށް ފެންނާނެ ކަމަށް އެންމެ ފުރަތަމަ ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މެދުތެރެއެވެ. ނަމަވެސް މިހާރު މަސައްކަތްތައް މަޑު ޖައްސާލާފައި އޮތުމުން އެ ތާރީހަށް އަންނާނެ ބަދަލެއް އަދި ނޭނގެއެވެ.