09 May 2023, 21:21
ރާއްޖެއިން ސާބިއާއާއެކު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ސާބިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. އެގޮތުން ސާބިއާއާއެކު ވައިގެ ޚިދުމަތުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ސާބިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދުގެ ދަތުރުފުޅުގައި, އިގުތިސޯދާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި ރާއްޖެ އާއި ސާބިއާއާ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްތަކަށް އާ މާކެޓެއް ލިބި، ސާބިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު ސާބިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ
ރާއްޖެ އާއި ސާބިއާއާ ދެމެދު ކުޅިވަރުގެ ދާއިރާއިން ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން، ދިވެހި އެތުލީޓުންނަށް ސާބިއާގައި ތަމްރީނުވެ ތަޖުރިބާ ހޯދުމަށް އާ ދޮރުތަކެއް ހުޅުވި ދިވެހި ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ފުރުސަތުތައް ލިބޭނެއެވެ.
ހަމަ އެއާއެކު، ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ސާބިއާގެ ފޮރިން މިނިސްޓްރީއާ ދެމެދު ޑިޕްލޮމެޓިކް ތަޢުލީމުގެ ރޮނގުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމަކީ ދެ ގައުމުގެ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ ދެ ގައުމުގެ ފޮރިން ސާވިސް އޮފިސަރުންނަށް ތަމްރީނާއި ތަޖުރިބާ ލިބިގެންދާނޭ ފުރުސަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިހާރު ސާބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު އިވިކާ ޑާޗިޗް އާ ވެސް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށާއި، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.
މިކަމުގެ ސަބަބުން ރާއްޖެއާއި ސާބިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ސާބިއާއަށް އޭނާ ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.