ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންސަސްއިން އެޕާޓްމަންޓްތަކެއް ވިއްކައި، މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އެންމެފަހުން މި މައްސަލައިގައި އިނގިލި ދިއްކުރަމުން އަންނަ ޙަސަން މަމްދޫހް (މަންޑޭ) އޭނާއަށް ކުރަމުން އަންނަ ތުހުމަތުތައް މިއަދު ދޮގުކޮށްފިއެވެ.

ކޭޕާކް މައްސަލައާ ގުޅޭ ގޮތުން މަންޑޭ ނެރެފައިވާ 3 ސަފްހާގެ ނޫސްބަޔާނުގައި އޭނާ ބުނެފައިވަނީ، ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ކޭޕާކް ފްލެޓްތަކުގައި ބިއްލޫރިޖެހުމުގެ މަސައްކަތް ނެގި ދިވެހި ފަރާތާއި ގުޅިގެން ހިންގާފައިވާ އަމަލެއް ކަމަށެވެ.

މިގޮތުން މިއީ ހަމްބޯ މޯލްޑިވްސް އަނެއް ހިއްސާދާރު ޗައިނާގެ ޖިން ޝީ ހޫ ކުންފުނީގެ ބޯޑު ސެކެޓްރީކަމަށް، ކޭޕާކް ފްލެޓްތަކުގައި ބިއްލޫރިޖެހުމުގެ މަސައްކަތް ނެގި ދިވެހި ކޮންޓްރެކްޓަރު އައްޔަނުކުރުމަށް ހުށަހެޅުމުން އެކަމާއި ދެކޮޅު ހެދުމުން ރާވާފައިވާ ރޭވުމެއްކަމަށް މަންޑޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާއި ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށްއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބިގެންދާނޭ ކަމުގެ ޔަގީންކަން ދީފައެވެ.

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ކުރެހުމެއް ---- ފޮޓޯ: ކޭ ޕާކް ރެސިޑެންސް

ކޭޕާކްގެ މަސައްކަތްތައް މިހާ ހިސާބަށް ތަރައްޤީކޮށްފައިވަނީ ޖިން ޝީ ނުވަތަ އޭނާގެ ކުންފުންޏަކުން ނޫން ކަމަށާއި އެތަން މިއަދާ ހަމަޔަށް ތަރައްޤީކޮށްފައިވަނީ އެޕާޓްމަންޓްތައް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށްވެސް މަންޑޭގެ މި ބަޔާނުގައި އޭނާ ވަނީ ބުނެފައެވެ. މި ޕްރޮޖެކެޓަށް މިހާތަނަށް ހަރަދެއްކުރިނަމަ ހަރަދެއް ކޮށްފައިވާނީ އެޕާޓްމަންޓުތައް ވިއްކައިގެން ލިބުނު ފައިސާއިންނާއި އޭނާގެ އަމިއްލަ މަސައްކަތުން ލިބިފައިވާ ފައިސާއިން ކަމަށް ވެސް މަންޑޭ ބުނެއެވެ.

މީގެ ތެރޭގައި ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި ޕްރޮޖެކްޓާއި ގުޅިގެން އަރބަންކޯއަށް ހުށައަޅަންޖެހޭ ޕަރފޯމަންސް ސެކިއުރެޓީ ވެސް ހިމެނޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޭ ޕާކް އެޕާޓްމަންޓެއްގެ ސިޓިންރޫމް-- ސަން ފޮޓޯ/ހައްޔާން

މި ބަޔާނުގައި މަންޑޭ އިތުރަށް ބުނެފައިވަނީ ކޭ ޕާކް ފްލެޓްތަކަށް ޗައިނާގެ ޖިން ޝީގެ އެއްވެސް ބާރެއް ނޯންނާނޭ ކަމަށާއި ކަސްޓަމަރުންނަށް ގުޅައިގެން ކޭޕާކް ރެސިޑެންސަކީ ޖިން ޝީގެ ނުވަތަ އޭނާގެ ކުންފުނީގެ ތަނެއްކަމަށް ދައްކަން އުޅެނީ އޮޅުވާލައިގެން ކަމަށް ވެސް ބުނެއެވެ.

ކޭޕާކުން އެޕާޓްމަންޓްތަކެއް ވިއްކައި، މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގައި ޝަކުވާއެއް އޮތް ނަމަ އެކަން ފުލުހަށް އެންގުމަށް ފުލުހުން އިއްޔެ ވަނީ އެދިފައެވެ.

މި މައްސަލައިގައި ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން ކޭޕާކު އެޕާޓްމެންޓުތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ޕާސްޕޯޓް ފުލުހުން މިހާރު ވަނީ ހިފަހައްޓާފައެވެ.