04 Aug 2010, 14:44
19:00
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 39 ދިވެއްސަކާއި 10 ބިދޭސީއަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޢާފް ދެއްވައި، އަދި 100 ގައިދީންގެ އަދަބު ލުއި ކޮށްދެއްވައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ރައީސް ނަޝީދު މަޢާފްދެއްވި 49 މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ކަމަށާއި އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ޖަލުގެ ހުކުމުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދެކޮށްފައިވާ މީހުން ކަމަށެވެ.
ރަޝީދު ވިދާޅުވީ މިނިވަންކޮށް ދޫކޮށްލި 10 ބިދޭސީންގެ ތެރޭގައި ހިމެނެނީ ފިލިޕިންސާއި، އިންޑިއާ އާއި އިންޑޮނޭޝިއާ މީހުން ކަމަށެވެ. އަދި އެމީހުން މިނިވަންކޮށް ދޫކޮށްލާފައިވަނީ ވަކި މުއްދަތެއް ވަންދެން ރާއްޖެ ނާދެވޭ ގޮތަށް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. ރަޝީދު ވިދާޅުވީ އެ މީހުންގެ މުއްދަތު ހަމަނުވަނީސް އަނބުރާ ރާއްޖެ އައިސްފިނަމަ އެމީހުންގެ ހުކުމުގެ ބާކީބައި އަނެއްކާވެސް ތަންފީޒު ކުރަންޖެހޭ ގޮތަށް ކަމަށެވެ.
ރައީސް މަޢާފް ދެއްވާ މިނިވަންކޮށް ދޫކޮށްލި މީހުންގެ ތެރޭގައި ދިގުމުއްދަތަކަށް ހުކުމް ކޮށްފައިވާ މީހަކު ނެތް ނަމަވެސް މަޢާފް ދެއްވި ބިދޭސީންގެ ތެރޭގައި ކްރެޑިޓް ކާޑްތަކެއް ވަގަށް ނަގައިގެން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފެބްރުއަރީ މަހު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ތިބި ފިލިޕީންސްގެ ހަތް މީހުން ހިމެނެ އެވެ.
ރަޝީދު އިތުރަށް ވިދާޅުވީ މިނިވަންކޮށް ދޫކޮށްލި މީހުންގެ އިތުރުން ރައީސް އަދަބު ލުއިކޮށްދެއްވި 100 މީހުން މިހާރު ޕެރޯލްގެ ފުރުސަތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން މާލޭ ޖަލުގައި ތިބި މީހުންގެ ފޯމްތައް ނިންމާ މާދަމާ މާފުށި ޖަލުގައި ތިބި މީހުންގެ ފޯމްތައް ވެސް ނިމޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.