އޭޝިޔާ-ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ މީޑިއާ ސަމިޓް 2023ގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިން ޔޫނިއަންކަމަށްވާ އޭބީޔޫ އާއި ޕީއެސްއެމް ގުޅިގެން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މިއަދާއި މާދަމާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މި އަހަރުގެ އޭބީޔޫ ސަމިޓްގެ ޝިއާރަކީ "ފްރޮމް އެޓޯލްސް ޓު އާލްޕްސް އެންޑް އެރިޑް ލޭންޑްސް: ކޮމިއުނިކޭޓިން ދަ ކްލައިމެޓް ޗޭންޖް ޗެލެންޖް" އެވެ.

އެ ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ކާރިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި މީޑިއާގެ ދައުރަށެވެ. މީގެ އިތުރުން ކްލައިމެޓް ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކާއި ބްރޯޑްކާސްޓަރުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެމައުލޫމާތާއި ވަށައިގެންވާ ތަފާތު މައްސަލަތަކާ ބެހޭ ގޮތުންވެސް މި ސަމިޓުގައި ވާހަކަ ދައްކާނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިއީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށް ވެސް ދިރާގުން ބުންޏެވެ.