09 May 2023, 15:34
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކޮރަޕްޝަންގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ހައި ކޯޓަށް ހާޒިރުވުމާއެކުގައެވެ.
އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ އިސް މެމްބަރެއް ކަމަށްވާ ފަވާދު ޗައުދަރީ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވާފައެވެ.
ޗައުދަރީ ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ އިމްރާން ޚާން ހައްޔަރު ކުރަން ދިޔަ ސިފައިންގެ ފައުޖުތަކުން ހައި ކޯޓު ހިފާފައިވާ ކަމަށާއި ވަކީލުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ.
އިމްރާން ހައްޔަރުކުރުމަށްފަހު ސިފައިންގެ އުޅަނދަކަށް އަރުވާ މަންޒަރު އެގައުމުގެ މީޑިއާތަކުގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖްތަކުން ފެނެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްރާން ހައްޔަރުކުރުމާ ގުޅިގެން އިސްލާމްއާބާދު ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު އާމިރު ފާރޫގު ވަނީ ސަރުކާރުގެ އޮފިޝަލުން ކޯޓަށް ހާޒިރުވުމަށް އަމުރުކުރައްވާފައެވެ.
އިމްރާން ވެރިކަމުން ދުރުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ ގައުމުގެ ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކަށް ފަހުއެވެ.
އޭގެ ފަހުން އޭނާ ގެންދަވަނީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ އެ ގައުމުގެ ގައުމީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.