ޣައްޒާ (9 މެއި 2023): އިސްރާއީލުން ޣައްޒާއަށް އުދުވާނީ ވަރުގަދަ ޙަމަލާތަކެއްދީ ފަލަސްތީނުގެ 13 މީހުން ޝަހީދުކޮށްލައިފިއެވެ.

ޝަހީދުކޮށްލި 13 މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތް ބުނާ ގޮތުން އިސްރާއީލުން ޙަމަލާތައް ދީފައި ވަނީ ރޭ ދަންވަރުގެ ޣައްޒާގެ ރައްޔިތުން ނިދާފައި ތިއްބައެވެ.

ޙަމަލާތައް ދިން ވަގުތު ނަގާފައިވާ ވީޑިޔޯތަކުން ފެންނަނީ މީހުން ދިރިއުޅޭ ޢިމާރާތްތަކައް ބޮން އެޅުމުގެ ސަބަބުން އެ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދަމުންދާ މަންޒަރެވެ. އަދި، ޣައްޒާގެ އެތައް މިތަނުން އެމްބިޔުލާންސްތަކުގެ ސައިރަންގެ އަޑުތައް ވެސް އިވެއެވެ. އަލްޖަޒީރާ ބުނާ ގޮތުން އިސްރާއީލުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ސީދާ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޖަމާއަތްތަކުގެ ގިނަ ލީޑަރުންތަކެއް ޝަހީދުކޮށްލުމަށެވެ. ނަމަވެސް ޝަހީދުކޮށްލެވުނީ ތިން ލީޑަރުންނެވެ.

ރޭ އިސްރާއީލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްލާމިކް ޖިހާދު ޖަމާއަތުގެ ލީޑަރުންތަކެއް އެ މީހުންގެ މުޅި އާއިލާއާ އެކު ޝަހީދުކޮށްލުމަށެވެ.

މިގޮތުން އިސްލާމިކް ޖިހާދު ޖަމާއަތުގެ ތިން ލީޑަރެއް ކަމަށްވާ ޚަލީލުލް ބަހްތީނީ، ޖިހާދު ޣިނާމް އަދި ތާރިގް އިއްޒުއްދީން އެ ބޭފުޅުންގެ އާއިލާއާ އެކު ދިރިއުޅުއްވާ އެޕާޓްމަންޓްތަކަށް ހަމަލާދީ އެ ބޭފުޅުންގެ އަބިންނާއި ދަރިންނާ އެކު ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުން، އާއިލާގެ މެންބަރުންނާ އެކު ޝަހީދުކޮށްލި ފަލަސްތީނުގެ ޖިހާދު ޖަމާއަތުގެ ތިން ލީޑަރުން

މި ތިން ލީޑަރުންގެ އަނބިދަރިންގެ އިތުރުން ފަލަސްތީނުގެ އާންމުންގެ އިތުރު ބަޔަކު ވެސް އިސްރާއީލުގެ ހަމަލާތަކުގައިވަނީ ޝަހީދުވެފައެވެ. އަދި، ޣައްޒާގެ އެކި އިމާރާތްތަކަށް މާއްދީ ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ މިއީ އިސްރާއީލުގެ ހަރުކަށި ވެރިން ހިންގާފައި މިވަނީ ވަރަށް ފިނޑި އަމަލެއްކަމަށް ސިފަކޮށްފައެވެ. އަދި، ފަލަސްތީނުގެ ލީޑަރުން މެރުމުގެ ޖަރީމާތައް އިސްރާއީލުން ފަށާނަމަ އިސްރާއީލުގެ ވެރިން ވެސް މަރުން ސަލާމަތް ނުވާނެ ކަމަށާއި އިސްރާއީލުގެ ވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ އެތައް މިތަނުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ޖެހިދާނެކަމުގެ އިންޒާރުވެސްވަނީ ދީފައެވެ. މިފަދަ ހަމަލާތަކެއް ފަލަސްތީނުގެ ޖަމާއަތްތަކުން ފަށައިފިނަމަ އިސްރާއީލަށް ކެތްވާނެތޯ އިސްލާމިކް ޖިހާދު ޖަމާއަތުގެ ލީޑަރަކު ވަނީ ސުވާލު ކުރައްވައިފައެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ އިސްރާއީލަކީ ޓެރަރިސްޓް އެންޓިޓީ އެއް ކަމަށާއި އިސްރާއީލުން ހިންގަނީ ޓެރަރިޒަމްގެ ކަމަށް ސިފަކޮށްފައެވެ. އަދި، ފަލަސްތީނުގެ ޖަމާއަތްތައް ތިބީ އިސްރާއީލުގެ ޓެރަރިސްޓް ވެރިންގެ ކިބައިން ބަދަލުހިފަން ތައްޔާރަށް ކަމަށާއި އެކަން ލަސްނުވާނެ ކަމަށް ވެސް އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ބުނެފައެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުގެ މި އިންޒާރަށް ބިރުން އަދި ޣާއްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދީފާނެތީ އިސްރާއީލު ވަނީ ޣައްޒާއާ ގާތުގައިވާ އިސްރާއީލުގެ ސިޓީތަކާއި އަވަށްތަކުގެ މީހުން ބިންގަރާސްތަކަށް ވަދެ ފިލައިތިބުމަށް އަންގާފައެވެ.

ޣައްޒާގެ އާންމުން ބުނާ ގޮތުން އެމެރިކާ ދީފައިވާ އަސްކަރީ މަތިންދާ ބޯޓުތަކުން އިސްރާއީލުން ދެ ގަޑިއިރެއް ހާއިރު ވަންދެން ޣައްޒާގެ އެކި ތަންތަނަށް ރޭ ދަންވަރު ބޮން އެޅިއެވެ. މިއާ އެކު ޣައްޒާގެ އެތައް މިތަނުގައި ވަނީ ބޮޑެތި އަލިފާންގަނޑުތަކެއް އުފެދިފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދީފައި މިވަނީ އިސްރާއީލުގެ ހަރުކަށި ވެރިންނާ ދެކޮޅަށް އިސްރާއީލުގެ އާންމުން ތެދުވެ ވަރުގަދައަށް މުޒާހަރާތައް ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ. މުޒާހަރާތައް ކުރަމުންގެންދާ މިހާރު ހަތަރު މަސް ވެފައިވާއިރު އިސްރާއީލު ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ގަޑުބަޑުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ފަލަސްތީނުގެ ލީޑަރުންނާއި އެ މީހުންގެ އަނބިދަރިން ޝަހީދުކޮށްލުމުގެ ޓެރަރިސްޓް ހަރަކާތްތައް ހިންގަން ފެށީ ފަލަސްތީނު މީހުން މަރައިގެން އިސްރާއީލުގެ އާންމުންގެ ތާއީދު ހޯދުމުގެ މަކަރުވެރި މަގްސަދުގައި ކަމަށް ވަނީ ބެލެވިފައެވެ. އިސްރާއީލުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ މިކަމަށް އިޝާރާތް ކޮށްފައެވެ.