ފެމިލީ ކޯޓަށް ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު އިއުލާނު ކޮށްފިއެވެ.

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ، މި މަހުގެ 22ވަނަ ދުވަހުގެ 12:00ގައެވެ. މި މަގާމަށް ކުރިމަތި ލާނީ ޖޭއެސްސީގެފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

ފެމިލީ ކޯޓަށް ކުރިމަތިލާ ގާޒީންގެ އުމުރުން 25 އަހަރު ވެފައިވާ މީހެއްކަމުގައި ވާންޖެހޭނެއެވެ. އަދި, ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއި، މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވާން ޖެހޭނެއެވެ.

މީގެ އިތުރުން މި މަގާމަށް ފަނޑިޔާރުން ހޮވާއިރު، ފަނޑިޔާރުންގެ އަޚުލާގާއި ސުލޫކީ މިންގަނޑުތަކަށް ބަލާނެއެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބެއެވެ. އަދި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭއިރު، މެޑިކަލް އިންޝުއަރެންސްއާއި ފޯން އެލަވަންސް ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ދެއެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ވެސް މިއަދު ވަނީ އިސް ގާޒީން އައްޔަން ކޮށްފައެވެ.