25 Apr 2012, 16:11
ބްރޯޑްކާސްޓިން އަދި ރީ ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން ހަތަރު ކުޅިވަރު އިވެންޓެއް ލިސްޓްކޮށް، އެއިން އެއްވެސް އިވެންޓެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބްރޯޑްކާސްޓްކުރަން ބޭނުން ވެއްޖެ ނަމަ އެ އިވެންޓެއްގެ ރައިޓް ހޯދާފައިވާ ފަރާތަކުން އެއްވެސް އަގަކާއި ނުލައި އެ ފަރާތަށް އެއިވެންޓް ބްރޯޑްކާސްޓްކުރެވޭނެ ގޮތް ފޯރުކޮށްދޭން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 23 ވަނަ މާއްދާ އަދި ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 38 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކޮމިޝަނުން ލިސްކޮށްފައިވާ އިވެންޓްތަކަކީ ފީފާ ވޯލްޑް ކަޕާއި ސާފް ގޭމްސްގައި ދިވެހި ގައުމީ ޓީމުތައް ބައިވެރިވާ މެޗުތަކާއި އިވެންތަކާއި ސާފް ޗެމްޕިއަންޝިފާއި އޭއެފްސީ ޗެލެންޖް ކަޕްގައި ދިވެހި ޓީމު ކުޅޭ މެޗްތަކެވެ.
އެކޮމިޝަނުން ބުނީ އެ ޕްރޮގްރާމްތައް ލިސްޓު ކުރުމުގެ ބޭނުމަކީ ދިވެހިން ޝައުގުވެރިކަން ހުންނަ ކުޅިވަރުތައް ރައްޔިތުންނަށް ހިލޭ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށާއި ލިސްޓެޑް އިވެންޓްތަކެއް އެކޮމިޝަނުން ކަނޑައެޅީ ޔޫތު މިނިސްޓްރީ އާއި އޮލިންޕިކް ކޮމިޓީ އަދި ސްޕޯޓް ކައުންސިލްގެ މަޝްވަރާގެ މަތިން ކަމަށް އެކޮމިޝަނުން ބުންޏެވެ.
އެކޮމިޝަންގެ ޑިރެކްޓަރުގެ ޖެނެރަލް މުހައްމަދު ނާސިހު މިއަދު ވިދާޅުވީ ލިސްޓެޑް އިވެންޓެއް ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑުން ބްރޯޑްކާސްޓްކުރަން ބޭނުންވެގެން އެދިއްޖެ ނަމަ އެއްވެސް އަގަކާ ނުލައި އެފަރާތްތަކަށް އެއިވެންޓެއް ބްރޯޑްކާސްޓްކުރެވޭނެ ގޮތް އެއިވެންޓެއްގެ ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް އޮތް ފަރާތަކުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސީ އާއްމުންނަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ އެމްބީސީ އަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމަށެވެ.
"ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ދަށުން ލިސްޓެޑް އިވެންޓެއްގެ ރައިޓްސް ހޯދައިފި ނަމަ ޕަބްލިކް ބްރޯޑްކާސްޓަރަކަށް އެރައިޓްސް ދެވެން ޖެހޭނެ، ވަރަށް ހާއްސަ އިވެންޓްތަކެއް މިހިރީ، އެމްބީސީއަކީ ޕަބްލިކް ބްރޯޑްކާސްޓަރަށް ވެފައި ރައްޔިތުންނަށް އެއިވެންޓެއް ފޯރުކޮށްދިނުމާ ގިނަ ދަތިތަކެއް އެބަކުރިމަތިވޭ އެހެން ފަރާތަކުން އެރައިޓް ހޯދައިފައި އޮންނައިރު،" ނާސިހު ވިދާޅުވި އެވެ.
ބްރޯޑްކާސްޓް އަދި ރީބްރޯޑް ކާސްޓްކުރުމުގެ ގަވާއިދުގައިވާ ގޮތުން ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެއްވެސް ބްރޯޑްކާސްޓަރަކު ނުވަތަ ރީބްރޯޑްކާސްޓަރަކު ހޯދައިފި ނަމަ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރަށް އެ ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު އެ ބްރޯޑްކާސްޓަރަކު ނުވަތަ ރީބްރޯޑްކާސްޓަރަކު އަގަކާ ނުލައި ފޯރުކޮށްދޭންވާނެ އެވެ. އެ ގޮތުން ފޯރުކޮށްދޭ ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ހޯދާ ވިޔަފާރީގެ ފައިދާ އިން ފަންސާސް އިންސައްތަ އަށް ވުރެ މަދު ނޫން، ދެ ފަރާތުން އެއްބަސްވާ އަދަދެއް ބްރޯޑްކާސްޓަރަށް ދޭންވާނެ އެވެ.
ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ނޫން އެހެން ބްރޯޑްކާސްޓަރަކަށް ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގު ވިޔަފާރީގެ އުސޫލުން ދިނުމަކަށް މި ގަވައިދު ހުރަހެއް ނާޅަ އެވެ.
ލިސްޓަޑް އިވެންޓެއް ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހައްގު އެންމެ ފުރަތަމަ ހޯދާ ފަރާތް ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ އެ ނޫން އެހެން ފަރާތަކަށް އެ އިވެންޓެއް އިތުރު ފަރާތަކަށް ވިއްކުމުގެ ނުވަތަ ދިނުމުގެ ހައްގު އެގަވާއިދުގެ ދަށުން ލިބިގެން ނުވެ އެވެ. އަދި ލިސްޓަޑް އިވެންޓެއް ފޯރުކޮށްދިނުމަށް ހިދުމަތް ލިބިގަންނަ ފަރާތުން ބްރޯޑްކާސްޓަރު ހާއްސަ އަގެއް ނަގައިގެން ނުވާނެ އެވެ. ހައިޑެފިނިޝަން ނުވަތަ ތްރީޑީ ނުވަތަ މި ނޫން ވެސް މި ފަދަ ހާއްސަ ގޮތަކަށް ދެވޭ އިތުރު ހިދުމަތެއް ފޯރުކޮށްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައި ފާސްކުރާ އަގެއް ނެގޭނެ ކަމަށް ބުނެފައިވެ އެވެ.