ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލި މައްސަލައިގައި އެ ރެސްޓޯރެންޓްގެ ޕާކިސްތާނު ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ ހެކިންގެ ހެކިބަސް ނަގާ ނިންމާލާފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޚުލާސާ ބަޔާން އިއްވުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް މިއަދު ބާއްވަން ތާވަލްކޮށްފައިވާ އަޑުއެހުން ވަނީ ކަންސަލް ކޮށްފައެވެ. އެއީ ދައުލަތާއި ދިފާއުގެ އެދުމުގެ މަތިން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އާބިދުގެ މައްސަލަ ނިމުމަކާ ގާތް ވެފައިވާއިރު ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޚުލާސާ ބަޔާން ހުށަހެޅުމަށްފަހު ދެން އޮންނާނީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުމެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 16ވަނަ ދުވަހު އިރުއޮއްސުނު ވަގުތު ޚާންޖީ ރެސްޓޯރެންޓު ތެރޭގައެވެ. އަނިޔާ ލިބުނު ވެއިޓަރު މަރުވީ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި ފަޔަށް ވަޅިން ހަމަލާދީފައިވެއެވެ.

އެ ދައުވާއަށް އާބިދު ވަނީ އިންކާރު ކޮށްފައެވެ. އަދި ބުނީ ކައްކާއަށް އަނިޔާވެފައިވަނީ އޭނާގެ އަމިއްލަ ދިފާއުގައި ހޫރާލި އަތުން ކަމަށާއި އޭރު އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށް ވެސް އޭނާ މީގެ ކުރިން ވަނީ ބުނެފައެވެ.