ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ބޮޑު ހުށަހެޅުމަށް އައިސްފައިވީ ނަމަވެސް، ސައުދީ އަރަބިއާއަށް ބަދަލުވުމަށް އޭނާގެ އަންހެނުން އެންޓޮނެލާ ރުކޫޒޯ ބޭނުން ނުވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދާ އަލް ނަސްރުގެ ވާދަވެރި ކްލަބު އަލް ހިލާލުން މެސީ ގެންދިއުމަށް ވަނީ 400 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅައިފައެވެ. މެސީގެ ސޮއި ހޯދުމަށް ބާސެލޯނާގައި އޭނާއާއެކު ކުޅުނު ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާއަށް ވެސް އަލް ހިލާލުން ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސީޒަނަށްފަހު ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމާއެކު އޭނާގެ ސޮއި ހޯދުމަށް އަލް ހިލާލުން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ތިން ދަރިންނާއެކު ސައުދީއަށް ދިރިއުޅުން ބަދަލުކުރުމަށް މެސީގެ އަންހެނުން އެންޓޮނެލާ ބޭނުން ނުވާ ކަމަށް ފްރާންސްގެ ނޫހެއް ކަމަށް "އެލް އިކުއިޕް" އިން ވަނީ ރިޕޯޓުކޮށްފައެވެ.

ޕީއެސްޖީގެ ހުއްދަ ނުހޯދައި ދާދިފަހުން ސައުދީއަށް ކުރި ދަތުރަކާ ގުޅިގެން މެސީ ދަނީ ދެ ހަފުތާގެ ސަސްޕެންޝަނަކާ ކުރިމަތިލަމުންނެވެ. އެ ދަތުރަށްފަހު ޕީއެސްޖީ އާއި އެޓީމުގެ ކުޅުންތެރިންގެ ކިބައިން މެސީ މައާފަށް އެދިފައިވާ އިރު، އިއްޔެ އޭނާ ވަނީ ތަމްރީނުތަކަށް ނުކުންނަން ފަށައިފައެވެ.

ސަސްޕެންޝަނާ ގުޅިގެން މެސީއަށް ވަނީ މިދިޔަ އާދީއްތަ ދުވަހު ޓްރޯޔެސްއާ ދެކޮޅަށް ކުޅެ 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗު ގެއްލިފައެވެ. ޕީއެސްޖީން މެސީގެ ސަސްޕެންޝަން އުވާނުލައިފި ނަމަ، އަންނަ ހޮނިހިރު ދުވަހު އަޖެކްސިއޯއާ ދެކޮޅަށް ކުޅޭ މެޗު ވެސް އޭނާއަށް ގެއްލޭނެއެވެ.