އިންޑިއާގައި މުޒާހަރާ ކުރަމުންދާ ރެސްލިން ކުޅުންތެރިންގެ މުޒާހަރާތަކުގައި އެގައުމުގެ ގިނަ އަދަދެއްގެ ދަނޑުވެރިން ވެސް ބައިވެރިވެއްޖެއެވެ.

މި މުޒާހަރާ ކުރަމުންދަނީ މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ އިސް ވެރިޔާ ބްރިޖްބޫޝަން ޝަރަން ސިންގްއާއި ބައެއް ކޯޗުންނާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުތައް ފެންމަތިވުމާ ގުޅިގެންނެވެ. އެގޮތުން ޒުވާން އަންހެން އެތުލީޓުންނަށް ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ގޯނާ ކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ކުރަމުންދާ މި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑްތައް ފަޅާލާ އެ ގައުމުގެ ގިނަ އަދަދެއްގެ ދަނޑުވެރިން މުޒާހަރާގައި ބައިވެރިވެފައިވަނީ އިއްޔެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާކުރަމުންދާ ގިނަ ރެސްލިން ކުޅުންތެރިންނަކީ އިންޑިއާގައި ދަނޑުވެރިކަން ކޮށްގެން ހަނޑޫ އުފައްދާ ސަރަހައްދެއް ކަމަށްވާ ހަރްޔާނާ ސްޓޭޓަށް ނިސްބަތްވާ ބައެކެވެ.

އޮލިމްޕިކް މެޑަލް ހޯދާފައިވާ ރެސްލިން ކުޅުނެތެރިންނާއި ކޮމަންވެލްތުގެ ޗެމްޕިއަނުން ހިމެނޭ އެ މުޒާހަރާގައި އެންމެންވެސް ދަނީ ރެސްލިން ފެޑެރޭޝަންގެ ރައީސް ބްރިޖްބޫޝަން ޝަރަން ސިންގްގެ މައްސަލަ ތަހުގީގުކޮށް ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

މުޒާހަރާކުރަމުންދާ ދަނޑުވެރި ގްރޫޕަކުން މިދިޔަ ހަފުތާ ބަންދުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތުލީޓުންގެ "އަސާސީ މަދަނީ ހައްގުތައް" ނިގުޅައިގަތުމާއި, ސިންގް ހައްޔަރު ކުރުމަށް ގޮވާލާ ގޮވާލުންތަކަށް ނިއު ދިއްލީގެ ފުލުހުން ހުރަސްއަޅާ ކަމަށާއި އެކަން ކުށްވެރިކުރާކަމަށެވެ. އަދި އެކަން އެގޮތަށް ތަކުރާރުވާނަމަ ކުރިއަށް އޮތް ތަނުގައި މުޒާހަރާތައް އިތުރުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ ރެސްލިން ކުޅުންތެރިންގެ މުޒާހަރާގައި ދަނޑުވެރިން ބައިވެރިވެއްޖެ -- ފޮޓޯ/ އޭއެފްޕީ

އެހެންނަމަވެސް ސިންގް ވަނީ އޭނާއާ ދެކޮޅަށް ކުރަމުން އަންނަ ތުހުމަތުތައް ދޮގުކޮށްފައެވެ.

ހޮނިހިރު ދުވަހު ފޭސްބުކްގައި އާންމުވި ވީޑިއޯއެއްގައި ސިންގް ވަނީ ތަހުގީގު ނިމެންދެން މަޑުކުރުމަށް ދަނޑުވެރިންގެ ކިބައިން އެދިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ސިންގްއާ ދެކޮޅަށް މިއަހަރުގެ ޖެނުއަރީ މަހު ކުރި މުޒާހަރާތައް ނިންމާލާފައިވަނީ، ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތުތަކުގެ ތަހުގީގު ހަތަރު ހަފުތާ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ސްޕޯޓްސް މިނިސްޓަރު އަނޫރާގް ސިންގް ތާކޫރު ދެއްވުމާ ގުޅިގެންނެވެ.

ނަމަވެސް ސިންގް ހައްޔަރު ނުކުރާތީ ރެސްލިން ކުޅުންތެރިން ވަނީ މުޒާހަރާތައް އަލުން ފަށާފައެވެ. އެގޮތުން ނިއު ދިއްލީގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ކައިރީގައި ކުރިއަށްގެންދާ މުޒާހަރާތަކަށް މިހާރު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.