25 Apr 2012, 16:29
ތަސްދީގު ނުކުރައްވައި ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އަނެއްކާ ވެސް ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 45 މެންބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ފާސްކޮށް ތަސްދީގު ކުރެއްވުމަށް ފޮނުވުމުން، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލާފަ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ހުށަހެޅުއްވި ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގުނުކުރައްވައި، އޭރުގެ އެޓާނީ ޖެނެރަލް ދެއްވި ލަފަ އަށް ފަހު، ދެވަނަ ފަހަރަށް މަޖިލީހަށް ފޮނުއްވާލެއްވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާދިނުމުގެ އިންތިޒާމް ބިލުގައި އެކަށައަޅާފައިވަނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ އެވެ.
އަދި ސިއްހީ ހިދުމަތަކީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައި ބުނެފައިވާ ގައުމީ ނިޒާމްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ހިދުމަތަކަށްވާތީ، ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ ވެސް އެ ނިޒާމްގެ ތެރެއިން އިންތިޒާމްކުރުން ރަނގަޅުވާނެ ކަމަށް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް އޭރު ވިދާޅުވެފައި ވެއެވެ.
މަޖިލީހުން ފާސްކުރުމުން ތެލެސީމިއާ ބިލް ތަސްދީގު ނުކުރައްވައި އެންމެ ފުރަތަމަ އަނބުރާ ފޮނުވާލެއްވީ ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް އުފައްދާ މަރުކަޒު އުފެއްދުމާއެކު، މާލޭ ހެލްތު ކޯޕަރޭޝަންގެ ދަށުގައި ހުރި ނޭޝަނަލް ތެލެސީމިއާ ސެންޓަރު އުވުނީ ކަމަށް ބިލްގައި ބަޔާންކޮށްފައިވާތީ އާއި ކުންފުންޏެއްގެ ދަށުގައި ހުރި ތަނެއް ސަރުކާރަށް ނެގުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމަކަށް ނުވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ އެ ބިލު ތަސްދީގު ނުކުރައްވައި ކުރީގެ ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވީ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. އަދި އެކަމުން އަންގައިދެނީ ރައީސް ނަޝީދު ތެލަސީމިޔާ ކުދިންނަށް އަހައްމިއްޔަތުކަން ނުދޭ މިންވަރުކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު ވެސް ވަނީ ފާސްކޮށްފަ އެވެ. އެބިލްވެސް ފާސްލކުރީ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި45 މެންބަރުންގެ އިއްތިފާގުންނެވެ.