ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދަށުން، މީހުން ހައްޖަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފިއެވެ.

ޕެންޝަން އޮފީހުން ވަނީ މި އަަހަރު ޕެންޝަން ސްކީމްގެ ދަށުން ހައްޖަށް މީހުން ފޮނުވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފައެވެ.

އެ އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ޚިދުމަތް ދެވޭނީ ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ ހައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ.

އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 14ގެ ކުރިން ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ޕެންޝަން އޮފީހަށް އެ ކަން އެންގުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ.

ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގުކުރެއްވީ 2019ވަނަ އަަހަރުގެ އޯގަސްޓު މަހުއެވެ.

ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ހައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެއެވެ. އަދި އެ ފައިސާ ދޫކުރާނީ ހައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންނެވެ.