09 May 2023, 11:41
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ދިއުމަށް އެޓީމުގެ ބްރެޒިލް ތަރި ނޭމާ ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ބްރެޒިލްގެ ނޫހެއް ކަމަށްވާ "ޔޫއޯއެލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްކޮޑަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ހަރަދުތައް ކުޑަކުރުމަށް މިސީޒަން ނިމުމުން ނޭމާ ދޫކޮށްލުމަށް ޕީއެސްޖީން ވަނީ ނިންމައިފައެވެ.
މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް އަދި ޗެލްސީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ނޭމާ ވެސް ކްލަބު ދޫކޮށް، އިނގިރޭސި ކްލަބަކަށް ދާން ބޭނުންވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ފްރާންސް ލީގުގައި މިދިޔަ ފެބްރުއަރީ މަހު މޮނާކޯއާ ދެކޮޅަށް ކުޅެ 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިވި މެޗަށްފަހު ނޭމާ އާއި އެޓީމުގެ ބައެއް ކުޅުންތެރިން އަދި ސްޕޯޓިން އެޑްވައިޒަރު ލުއިސް ކެމްޕޯސްއާ ދެމެދު ވަނީ މައްސަލަތަކެއް ވެސް ޖެހިފައެވެ. އޭގެ އިތުރުން ދަށް ނަތީޖާތަކަކާ ގުޅިގެން ދާދިފަހުން ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ނޭމާ ދިރިއުޅެމުންދާ ގޭގެ ކުރިމައްޗަށް އެއްވެ، ކްލަބު ދޫކޮށް ދިއުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ.
އިނގިރޭސި ކްލަބު ނިއުކާސަލަށް ނޭމާ ދާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކްލަބުގެ ކޯޗު އެޑީ ހޯވް ދޮގުކޮށްފައިވާ އިރު، މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ މެންޗެސްޓާ ޔުނައިޓެޑާ ގަތަރުގެ ވެރިން ހަވާލުވުމަށްފަހު ނޭމާ އެ ކްލަބަށް ގެންދާނެ ކަމުގެ ވާހަކައެވެ.