09 May 2023, 09:36
ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯ، މެޑްރިޑްގައި ދިރިއުޅެމުންދާ ގެއިން ވައްކަންކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށް، ރެއާލް މެޑްރިޑުން ވަނީ 20ވަނަ ފަހަރަށް ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެ މެޗުގައި ރެއާލްގެ ދެ ގޯލު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީގޯއެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މެޑްރިޑްގައި ހުންނަ ރޮޑްރީގޯގެ ގެއިން ވައްކަންކޮށްފައިވަނީ ކޮޕާ ޑެލްރޭގެ ފައިނަލް ކުރިއަށް ދިޔަ ވަގުތެވެ. އޭރު އޭނާގެ އާއިލާ ވެސް މެޗު ބެލުމަށް ސެވިއްޔާގައި ތިބުމުން، އެކަން ފުލުހުންނަށް ހުށަހަޅާފައިވަނީ ގޭގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ މެންބަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޮޑްރީގޯގެ ގެއިން ވައްކަން ކުރި މައްސަލަ ފުލުހުން މިހާރު ވަނީ ތަހުގީގުކުރަން ފަށައިފައެވެ. ނަމަވެސް އެ ގެއިން ވަގަށް ގެންގޮސްފައިވަނީ ކޮން އެއްޗެއްސެއް ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
ފަހަކަށް އައިސް ފުޓުބޯޅަ ކުޅުންތެރިންނަށް ވަގުންގެ އުނދަގޫ ވަނީ ބޮޑުވެފައެވެ.
އެގޮތުން މިސްރުގައި ހުންނަ މުހައްމަދު ސަލާހުގެ ގެއިން މި އަހަރުގެ ކުރީކޮޅު ވައްކަން ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބާސެލޯނާގައި ހުންނަ ޕިއެރޭ އެމެރިކް އޮބަމަޔާންގެ ގެއަށް ހަތިޔާރާ އެކު ވަދެ، ވަގުންތަކެއް ވަނީ އޭނާއަށް ހަމަލާ ވެސް ދީފައެވެ.