09 May 2023, 09:40
ކޯޗެއްގެ ގޮތުގައި ޒަމާނީ ފުޓުބޯޅައަށް ހޭނެން ޖެހޭ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.
އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ކެޕްޓަންކަމުގެ ދަށުން ނަޕޯލީން އިޓާލިއަން ސެރީއާ ކާމިޔާބުކުރި ފަހުން، ފުރަތަމަ ފަހަރަށް އެ ޓީމުން ތަށި އުފުލާލި މަންޒަރު ބެލުމަށް ސިމިއޯނީ ވަނީ އިޓަލީއަށް ގޮސްފައެވެ. އެއީ، އޭނާގެ ދަރި ޖިއޮވާނީ ސިމިއޯނީއަކީ ނަޕޯލީގެ ކުޅުންތެރިޔަކަށް ވާތީއެވެ.
އެތުލެޓިކޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުގެ ކުރިން އެ ކްލަބުން ސިމިއޯނީ ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮންޓްރެކްޓް އާ ކުރުމާ މެދު އަދި ސިމިއޯނީ ވެސް ގޮތެއް ނިންމައިފައެއް ނުވެއެވެ.
"އަހަރެންގެ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބައޮތް. ވާނެ ގޮތެއް ދެން ޖެހޭނީ ބަލަން. ކްލަބުން ބަދަލުތައް ފެންނަނީ އަބަދު ވެސް އަވަސް އަވަހަށް ކުޅުންތެރިން ބަދަލުވާތީ. ފުޓުބޯޅަ ވެސް ބަދަލުވެއްޖެ. އަހަރެން ވެސް ކޯޗެއްގެ ގޮތުގައި ޒަމާނީ ފުޓުބޯޅައަށް ހޭނެން ޖެހޭ،" ނޫސްވެރިންނާ ވާހަކަދައްކަމުން ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯގެ ކޯޗެއްގެ ގޮތުގައި 2011ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ ސިމިއޯނީ ވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އޭނާ ވަނީ އެތުލެޓިކޯއަށް ދެ ލަލީގާއާއި އެއް ފަހަރު ކޮޕާ ޑެލްރޭ ކާމިޔާބު ކޮށްދީފައެވެ. އޭގެ އިތުރުން ސިމިއޯނީ ވަނީ ދެ ސީޒަނެއްގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެތުލެޓިކޯއަށް ޖާގަ ހޯދައިދީފައެވެ.
މި ސީޒަނުގެ ކުރީކޮޅުގައި ދަށް ނަތީޖާތަކުގެ ސަބަބުން ސިމިއޯނީއަށް ވަނީ ސަޕޯޓަރުންގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ނަމަވެސް ފަހުން އެތުލެޓިކޯ އިން ކުޅުން ރަނގަޅުކޮށް މިހާރު އޮތީ ލަލީގާ ތާވަލުގެ ދެވަނައިގައެވެ. ލަލީގާގެ އެއްވަނައިގައި ބާސެލޯނާ އޮތީ 82 ޕޮއިންޓާ އެކުއެވެ. އެތުލެޓިކޯއަށް 69 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 68 ޕޮއިންޓެވެ.