25 Apr 2012, 16:20
ނ. މަނަދޫގައި ހުންނަ އެ އަތޮޅު ޕޯސްޓް އޮފީހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފަކު ޖަމާއަތް ހަދައިގެން އެ އޮފީހުންގެ ތިޖޫރިން ވައްކަންކުރިކަމަށް ސާބިތުވެ އަށް އަހަރާއި ހަތަރު މަހަށް އަރުވާލުމަށް މަނަދޫ ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފި އެވެ.
ހައިކޯޓުން އެ ހުކުމް ބާތިލް ކުރީ ނ. ވެލިދޫ، އަސްދޫ، އަބްދުﷲ ޖިނާހު އަހުމަދު އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އިއްޔެ އެވެ.
މަނަދޫ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ޖިނާހު ދައުވާއަށް އިންކާރު ކުރިނަމަވެސް އެ މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހަކު ޖިނާހު އެ މީހުންނާއެކު ތިޖޫރިން ވައްކަން ކުރުމުގައި ބައިވެރިވިކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޖިނާހު އަކީ ކުރިން ޕޯސްޓް އޮފީހުގައި މަސައްކަތް ކުރި އިރު ތިޖޫރިއާ ހަވާލުވި މީހާކަމަށް ޖިނާހު އަމިއްލައަށް އިއުތިރާފު ވެފައިވާތީއާ އަދި ވައްކަމުގައި ބައިވެރިވި މީހުންނަށް ތިޖޫރީގެ ތަޅުދަނޑި ދިނުމަށް ފަހު އޭގެ ކޯޑުވެސް ބުނެދީފައި ވަނީ ޖިނާހު ކަމަށް އެ ކަމުގައި ބައިވެރިވި މީހުން ބުނެފައިވާ ކަމަށެވެ. އަދި އެ ތިޖޫރިން ވައްކަންކޮށްފައި ވަނީ ތިޖޫރި ހަލާކުކޮށްލައިގެން ނޫންކަމަށް ސާބިތުވާތީ ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ އޭނާ އަށް އަހަރާއި ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ޕޯސްޓް އޮފީހުގެ ފާޚާނާގެ ފެންލައިޓް ހަލާކުކޮށްލައިގެން އެތާގެ ތެރެއަށް ވަދެ ވަންކަންކުރި ކަމަށް އިއުތިރާފްވެފައިވާ ބަޔަކު އޭނާ އެކަން ކުރިކަމަށް ހެކިބަސް ދީފައިވީ ނަމަވެސް އެ ހެކިބަހުގައި ފުށު އެރުންތަކެއް ހުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ތިޖޫރީގެ ތަޅުދަނޑި ވައްކަންކުރި މީހުންގެ އަތަށް ދިނުމަށްފަހު އޭގެ ލޮކް ކޯޑުވެސް ޖިހާނު ދީފައިވާކަމަށް އެ މީހުން ބުނިނަމަވެސް އެކަމަށް ޖިނާހު އިންކާރުކޮށްފައިވާއިރު، ޕޯސްޓް އޮފީހުގެ ވަޒީފާއިން ވަކިކުރި އިރު ފުލުހުންގެ ހާޒިރުގައި ތިޖޫރީގެ ތަޅުދަނޑި ޖިނާހު އެ އޮފީހުގެ މުވައްޒަފަކާ ހަވާލުކުރިކަން އަންގައިދޭ ލިޔުމެއް ޖިނާހު ހައިކޯޓުގެ ޝަރީއަތަށް ހުށަހަޅާފައިވާކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ކަން ހިނގާފައިވާގޮތަށާއި، ވަށައިގެން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އޭނާ ވައްކަންކުރުމުގައި ބައިވެރިވިކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާތީ އެ ހުކުމްގައި ޖިނާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް އޮތްބައި ބާތިލް ކުރީކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެ ޕޯސްޓް އޮފީހުގެ ފެންލައިޓް ފަޅާލައި އެތާގެ ތެރެއަށް ވަދެ ތިޖޫރިން 50،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަން ސާބިތުވި ހަތަރު މީހަކު ދިގު މުއްދަތަކަށް އަރުވާލުމަށް މަނަދޫ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.