09 May 2023, 09:44
މިވަގުތު ފިލްމީ މަސައްކަތްތަކާ ދުރަށްޖެހި އާއިލާއާއި އަމިއްލަ މީހާއަށް ވަގުތު ހުސްކުރުމަށް ނިންމާފައިވާ މަޝްހޫރު ފިލްމީ ތަރި އާމިރު ޚާން ނޭޕާލްއަށް ގޮސްފިއެވެ.
މިދިޔަ އަހަރު ފިލްމު "ލާލް ޗައްދާ"އިން އެންމެ ފަހުން ފެނުނު އެކްޓަރު ނޭޕާލްއަށްކުރި މި 10 ދުވަހުގެ ދަތުރާއެކު ގިނަ ބަޔަކު އުއްމީދުކުރީ އާމިރު ޚާން ފިލްމެއްގެ މަސައްކަތެއްގައި ދިޔައީކަމަށެވެ. އެހެންނަމަވެސް އެކްޓަރުގެ މިދަތުރަކީ އަމިއްލަ ނަފުސަށްޓަކައި ކުރި ދަތުރެއްކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ނޭޕާލްގެ ވިޕަސާނާ މެޑިޓޭޝަން ސެންޓަރުގައި އާމިރު ޚާން 10 ދުވަހުގެ މުއްދަތަކަށް މެޑިޓޭޓް ކުރާނެކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ. މިއީ ނޭޕާލްގެ ކަތަމަންޑޫއާ 12 ކިލޯ މީޓަރު ދުރުގައި ހުންނަ މެޑިޓޭޝަން ސެންޓަރެކެވެ. އެއީ ކަތަމަންޑޫގެ އެންމެ މަޝްހޫރު އެއް ސެންޓަރުވެސްމެއެވެ.
އާމިރު ޚާން ނޭޕާލްގެ ކަތަމަންޑޫއަށް ދިއުމަށްފަހު އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނާއެކު މަޑުކޮށްލައިގެން ވާހަކަދައްކާލަން ހުންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އާމިރު ޚާން އެންމެފަހުން ކަތަމަންޑޫއަށް ޒިޔާރަތްކުރީ ޔުނިސެފްގެ ދަތުރެއްގައި 2014ވަނަ އަހަރެވެ.
ފިލްމު "ލާލް ސިންގް ޗައްދާ"އަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބީއާއެކު އެކްޓަރުވަނީ ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަކަށް އެކަހެރިވާން ބޭނުންވާކަން އިއުލާނުކޮށްފައެވެ.
މިދިޔަ އަހަރު ބަތަލާ ކަރީނާ ކަޕޫރާއެކު އާމިރު ޚާން ލީޑް ރޯލްއިން ފެނުނު މިފިލްމަށްފަހު އާމިރު ޚާން އިތުރު އެހެން ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާކަމަށް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމު އިންޑަސްޓްރީގެ ބައެއް ޕާޓީ ހަފުލާތަކުން އާމިރު ޚާންވަނީ ފެނިފައެވެ.
އާމިރު ބުނެފައިވަނީ ފިލްމީ މަސައްކަތްތަކަށް ހަޔާތުގެ ގިނަ ވަގުތު ހުސްކުރެވުމުގެ ނަތީޖާއެއްގެގޮތުން އަމިއްލަ އާއިލާއަށާއި ކުދިންނަށް ވަގުތު ނުދެވުމުން އެކަމާ މިހާރު ހިތާމަކުރާކަމަށެވެ. އެހެންވެ މި ދުވަސްކޮޅު ވީހާވެސް ގިނަ ވަގުތު ހޭދަކުރަން ބޭނުންވަނީ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބޭކަހަލަ ކަންތައްތަކުގައި ޝާމިލުވެ އުޅުމަށްކަމަށް އޭނާ ބުނެފައިވެއެވެ.