ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ޝާހިދު މި ކުރައްވާ ރަސްމީ ދަތުރުގައި ސާބިއާގެ ޚާރިޖީ ވަޒީރު އިވިކާ ޑަޗިޗްއާއެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މުހިއްމު ފަސް އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެއާ ސާބިއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ޓްރޭޑް އިންވެސްޓްމަންޓް އަދި އިކޮނޮމިކް ކޯޕަރޭޝަންގެ އެއްބަސްވުމަކާއި، އެއާ ސާވިސަސް އެއްބަސްވުމަކާއި ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ އިތުރުން ކުޅިވަރުގެ ދާއިރާއިގެ އެއްބަސްވުމެއްގައެވެ.

ސާބިޔާއަށް ކުރައްވާ މި ދަތުރުގެ ސަބަބުން ރާއްޖެ އާއި އެގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންކުރައްވާ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

ސާބިޔާގެ ފޮރިން މިނިސްޓަރު އިވިކާ ޑަޗިޗްގެ ދައުވަތަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ވެސް މިނިސްޓަރު ޝާހިދު ވަނީ އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.