09 May 2023, 09:52
ދުވަސްތަކަކަށްފަހު ބަތަލާ ވިދްޔާ ބާލަން ލީޑް ރޯލްއިން ފެންނަ ފިލްމު "ނީޔަތު" ރިލީޒްކުރުން މިއަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ޑައިރެކްޓަރު އަނޫ މެނަންގެ މިފިލްމަކީ އެމޭޒަން ޕްރައިމްއާއި އަބޫދަންތިއާ އެންޓަޓެއިންމެންޓާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މިފިލްމަކީ، ކްރައިމް ތްރިލާއެކެވެ.
ވިދްޔާ ބާލަންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްކުޅޭ ތަރިންގެތެރޭގައި، ރާހުލް ބޯސް، ނީރަޖް ކަބީ، އަމްރިތާ ޕޫރީ، ޝަހާނާ ގޮސްވަމީ، ނިކް ވާލިއާ، ރާމް ކަޕޫރު އަދި މާދަވް ދެވަލް ފަދަ ތަރިން ހިމެނެއެވެ.
މިފިލްމުގެ ޑައިރެކްޓަރު އަނޫ މެނަންއާއެކު ވިދްޔާވަނީ މީގެކުރިންވެސް މަސައްކަތްކޮށްފައެވެ. އެއީ 2020ވަނަ އަހަރު އެމޭޒަން ޕްރައިމްއިން ގެނެސްދިން ފިލްމު "ޝަކުންތަލާ ދޭވީ"އެވެ.
ފިލްމުގެ ޕޯސްޓަރާއެކު ފިލްމު ސިނަމާތަކަށް ގެންނަ ދުވަސް އިއުލާނުކުރަމުން ވިދްޔާ ބާލަން ބުނެފައިވަނީ އެ ފިލްމުން ފެންނާނީ މީހެއްގެ މަރުގެ ތަހުގީގެއް ކަމަށާއި އެ މަރުގެ ހަގީގަތް ފަޅާއަރާއިރު ގިނަ ބަޔަކަށް ސިހުން ލިބިގެންދާނެކަމަށެވެ. ފިލްމު "ނީޔަތު"ގެ ޕްރޮމޯޝަނަލް މަސައްކަތްތަކަށް ބަތަލާ ތައްޔާރުވަމުން އަންނައިރު އެންމެފަހުން ވިދްޔާ ފެނިފައިވަނީ އެމޭޒަން ޕްރައިމްއިން ގެނެސްދިން ފިލްމު "ޖަލްސާ"އިންނެވެ. ވިދްޔާއާއެކު މިފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީ ބަތަލާ ޝެފާލީ ޝާހްއެވެ.
ވިދްޔާ ބާލަންއަކީ އާއްމުންގެ ފާޑުކިޔުންތަކަށް ބެލުމެއްނެތި ވަރަށް ތަފާތު ރޯލްތައް ކުޅެން އަބަދުވެސް ބޭނުންވާ ބަތަލާއެކެވެ. އެފަދަ ފިލްމުތަކުގެ ތެރޭގައި "ދަ ޑާޓީ ޕިކްޗާ" އަދި "ބޮބީ ޖާސޫސް" ހިމެނެއެވެ. ދާދި ފަހުން ރިލީޒްވެފައިވާ ވިދްޔާގެ ރީތި ފިލްމުތަކުގެތެރޭގައި، މަހޭޝް ބަޓްގެ ފިލްމު "ހަމާރީ އަދޫރީ ކަހާނީ"، "ތުމާރީ ސުލޫ" އަދި "މިޝަން މަންގަލް" ހިމެނެއެވެ.
ފިލްމު "ނީޔަތު"ގެ އިތުރުން ވިދްޔާވަނީ އިތުރު އެހެން ފިލްމަކަށް ސޮއިކޮށް އެފިލްމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިފިލްމާބެހޭ މައުލޫމާތު މީޑިއާތަކާ އަދި ހިއްސާއެއް ނުކުރެއެވެ.