ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގް އެޕަށް ދިމާވި މައްސަލައާ ގުޅިގެން އޭޓީއެމްތަކުގައި ބޮޑު ކިއޫއެއް ދަމާލައިފިއެވެ.

އޮންލައިން ޓްރާންސެކްޝަންތައް ނުހެދޭތީ މާލޭގައި ހުންނަ ބީއެމްއެލްގެ ރުފިޔާ އޭޓީއެމްތަކުގައި އާދަޔާ ޙިލާފަށް މީހުން ގިނައެވެ. ގިނަ އޭޓީއެމްތަކުގެ ބޭރުގައި ވެސް ކިއޫގައި މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ބީއެމްއެލްއިން ބުނީ އެ ކުންފުނީގެ މޮބައިލް ބޭންކިންގް އެޕްލިކޭޝަނަށް އިތުރު ފީޗާއެއް ތައާރަފުކުރުމާ ގުޅިގެން، އިންޓަނެޓް ބޭންކިންގް ޔޫސާ ނޭމް އަދި ޕާސްވޯޑް ބޭނުންކޮށްގެން އަނެއްކާ ވެސް އެޕަށް ލޮގިން ވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ބައެއް ކަސްޓަމަރުންނަށް ޔޫސާނޭމް ނުވަތަ ޕާސްވޯޑް ހަނދާން ނެތުމުގެ ސަބަބުން ސަބަބުން ލޮގިން ނުވެވޭ މައްސަލަ ވަނީ ދިމާފައެވެ. ބޭންކުން ބުނީ އެ ކަސްޓަމަރުންނަށް އިންޓަނެޓާއި މޮބައިލް ބޭންކިންގް ޕާސްވޯޑް ރީސެޓް ނުކުރެވެނީ އަޕްޑޭޓަށް ފަހު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ބީއެމްއެލް އެޕް ބޭނުންނުކުރެވޭ މައްސަލައިގައި 'ސަން'އާ ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ އެ މައްސަލަ ދިމާވީ ބައެއް ކަސްޓަމަރުންނަށް ކަމަށާއި، އެ ކަސްޓަމަރުންނަށް އަދިވެސް ޕާސްވޯޑް ރީސެޓް ނުކުރެވޭ ކަމަށެވެ.

"މިކަން ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން މޯބައިލް ބޭންކިންގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ. މިހާރު އެ ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އެ ޚިދުމަތް ބޭނުންކުރެއެވެ.