08 May 2023, 22:07
ފުވައްމުލައް ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ޕީޖީ އޮފީހުގެ ފުވައްމުލައް ގޮފިން ބަލައިގަންނަން ފަށައިފިއެވެ.
މީގެ ކުރިން ފުވައްމުލަކުގައި ތަހުގީގުކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ ޕީޖީ އޮފީހުގެ އައްޑޫ ގޮފިންނެވެ.
ޕީޖީ އޮފީހުގެ އަމާޒަކަށްވީ އެ ސިޓީގައި ގާއިމުވެތިބި ތަހުގީގީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި މަސައްކަތްކުރެއެވެ.
އެކަމުގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ގާއިމުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ އޮފީހުގެ އަމާޒެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.