މިދިއަ އަހަރު ވެސް ނައިޓް މާކެޓް ބޭއްވި ލޮނު ޒިޔާރަތްކޮޅުގައި މިއަހަރު ވެސް ނައިޓް މާކެޓް ބާއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީފި އެވެ.

ކައުންސިލުން ހުއްދަ ދީފައި ވަނީ މިއަހަރުގެ ނައިޓް މާކެޓް ބޭއްވިދާނެ ކަމުގެ ޔަގީންކަން ކުޑަވެފައިވާ ކަމަށް ގައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފައި ވަނިކޮށެވެ. ހުއްދަ ދިނުމާ ގުޅިގެން ބާޒާރު ބާއްވަން ނިންމާފައި ވަނީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން 10 ރޭ ވަންދެނެވެ.

ވިޔަފާރި ވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ ނައިޓް މާކެޓް ބާއްވަން ހުއްދަ ދީފައި ވަނީ މިދިއަ ހޯމަ ދުވަހު ކަމަށާއި ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުވެސް ބާޒާރު ބޭއްވި ސަރަހައްދު ކަމަށްވާ ލޮނު ޒިޔާރާތްކޮޅު، ޓަސްކަލޫސާ ކައިރިން ފެށިގެން ސުނީމީ ބިނާއާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.

"މިއަހަރު ނައިޓް މާކެޓް ބާއްވަން އަޅުގަނޑުމެނަށް މިހާރު ވަނީ މަލޭ ސިޓީ ކައުންސިލުން ހުއްދަ ދީފަ،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަހަރު ވެސް ވަރަށް ގިނަ ފަރާތްތަކުން މޭޒު ހޯދަން އެދިފައިވާ ކަމަށާއި ނަމަވެސް ޖާގަގަ ކުޑަކަމުން މޭޒު އިތުރު ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ. މޭޒު ދޫކުރަން ހަމަޖައްސާފައިވާ އަދަދަދެއް އާސިފު ވިދާޅެއް ނުވެއެވެ.

ޖުލައި އެއް ވަނަ ދުވަހު ފަށާ މިއަހަރު ނައިޓް މާކެޓްގައި މޭޒު ދޫކުރަނީ މިދިއަ އަހަރަށް ވުރެ 100ރ. އަގު ހެޔޮކުރުމަށްފަހު 3350ރ. އަށެވެ. މޭޒް ދެނީ ފޯމްލާ ތަރުތީބުންނެވެ.

ނައިޓް މާކެޓަކީ ދިވެހިންނާއި ބިދޭސީން ވެސް ބޮޑު ތަރުހީބެއްދޭ، އަދި "އުގުޅޭ ބާޒާރު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ބޮޑު ބާޒާރެކެވެ.