ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމާ ހަވާލުކޮށް، އެ ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ޖޫން މަހުގެ އެއް ވަނަ ދުވަހު ފަށަން އެ ޕާޓީން މިއަދު ނިންމައިފިއެވެ.

ޖޭޕީގެ އޮފިޝަލަކު ވަނީ 'ސަން'އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ޖޫން އެއް ވަނަ ދުވަހު ގާސިމަށް ރިޔާސީ ޓިކެޓު ހަވާލު ކޮށް، ކެމްޕެއިން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި އެ ޕާޓީގެ ކޮމެޓީ ބައްދަލުވުމުގެއްގައި ނިންމާފައިވާ ކަމަށެވެ.

ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް ވާން ޝަރުތު ހަމަވާ ކަމަށް ޖޭޕީން މި މަހުގެ ތިންވަނަ ދުވަހު ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިތުރު ބޭފުޅަކު ވާދަ ނުކުރުމުން، ރިޔާސީ އިންތިޚާބަށް ޖޭޕީގެ ރިޔާސީ ޓިކެޓު، ގާސިމަށް ދިނުމަށް އެ ޕާޓީން ނިންމާފައިވަނީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ.

ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައި، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މާޗު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕާޓީން ބުނީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހަމަވިއިރު، ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅުއްވާފައި ވަނީ ގާސިމް އެކަނި ކަމަށެވެ.

އެހެންވެ، އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ 2008ވަނަ އަހަރާއި 2013ވަނަ އަހަރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމެވެ. އެކަމަކު، އެ ދެ އިންތިޚާބުގައި ވެސް ދެވަނަ ބުރަކަށް ދާން ބޭނުންވާ ވަރަށް އޭނާއަށް ވޯޓު ލިބިފައެއް ނުވެއެވެ.

އާ ގާނޫނު އަސާސީ އެކުލަވައިލި ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެސް ޖޭޕީން ގާސިމް ވާދަކުރައްވައެވެ. އޭނާއަށް ވާދަނުކުރެއްވުނީ ނިމިދިޔަ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކަންޏެވެ. އެ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއް އިއްވާފައި އޮތުމުންނެވެ. އެހެންވެ، އެ އިންތިޚާބުގައި އެ ޕާޓީން ނިންމީ އިދިކޮޅު އިއްތިހާދުގައި ބައިވެރިވެ، އިއްތިހާދުގެ ކެންޑިޑޭޓެއް ނެރޭށެވެ.

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުވަތު ދެއްވާފައިވަނިކޮށެވެ. އެ މަނިކުފާނު ވަނީ ގާސިމްގެ ތާއީދު ހޯއްދެވުމަށް އޭނާއާ ތަކުރާރުކޮށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އެ ޕާޓީން އަންނަނީ ކޯލިޝަން ހަދަން އެމްޑީޕީގައި ރައީސް ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފެކްޝަނާ އެކު ވެސް މަޝްވަރާތައް ކުރަމުންނެވެ.