ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަނުން އެ ޤައުމުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކަށް ހާއްސަ މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، ޗައިނާ މާކެޓަށް އަމާޒުކޮށް ފެށި މި ކެމްޕެއިނަކީ ކޮވިޑަށްފަހު ޗައިނާގެ ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން އެޤައުމުގައި އެންމެ މަޤްބޫލް ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް ކަމަށްވާ، ވެއިބޯ އަދި ވީޗެޓްގައި ރާއްޖެ އިސްތިހާރުކުރުމަށް ކުރިއަށްގެންދާ މާކެޓިންގ ކެމްޕެއިނެއްކަމަށެވެ. މި ކެމްޕެއިނުގެ ތެރެއިން ޗައިނާގެ ދަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމުގެ ޝައުގުވެރިކަން އިތުރުކުރެވިގެންދާނެއެވެ.

އެމްއެމްޕީއާރުސީން ބުނީ، ސޯޝަލް މީޑިއާއަކީ ޗައިނާ މާކެޓަށް ވަރަށް މުހިއްމު މީޑިއަމެއް ކަމަށާއި، ޗައިނާ މާކެޓްގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ކޮވިޑް ލޮކްޑައުން ތެރޭގައި ވެސް މި ކެމްޕެއިން ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ މި ކެމްޕެއިނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަޖުރިބާތަކާއި ސެގްމެންޓްތައް އިޝްތިހާރުކޮށް 45 އޮރިޖިނަލް ޕޯސްޓާއި 12 އޮރިޖިނަލް އާޓިކަލް ވިޒިޓް މޯލްޑިވްސްގެ ވެއިބޯ އަދި ވީޗެޓްގައި ޕޯސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގައި ބޭއްވި ފަތުރުވެރިކަމުގެ ފެއާއެއްގައި ރާއްޖޭގެ ސްޓޭންޑް--- ފޮޓޯ/އެމްއެމްޕީއާރުސީ

މީގެ އިތުރުން ރާއްޖެއަށް އައުމަށް ހިލޭ ޗުއްޓީ ދަތުރެއް ދިނުމުގެ ކެމްޕެއިނެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިން ޗައިނާ މާކެޓުގެ 1.4 މިލިއަން މީހުންނާ ހަމައަށް ފޯރާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

ދުނިޔޭގެ އެންމެ އާބާދީބޮޑު ޗައިނާގައި ވީޗެޓަކީ މަހަކު 1.17 ބިލިއަން މީހުން ބޭނުންކުރާ އެޤައުމުގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. އަދި ވެއިބޯއަކީ މަހަކު 530 މިލިއަން މީހުން ބޭނުންކުރާ ދެވަނައަށް އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. މި ޕްލެޓްފޯމްތަކަކީ ޗައިނާގެ އެންމެ ނުފޫޒުގަދަ ދެ ޕްލެޓްފޯމެވެ.

އެމްއެމްޕީއާރުސީން ބުނީ، މި އަހަރު ޗައިނާއިން ދިވެހިރާއްޖެއަށް ޖެއްސި ފުރަތަމަ ޑައިރެކްޓް ފްލައިޓްގެ ހަބަރު ވެގެންދިޔަނީ ވެއިބޯގައި ޓްރެންޑިންގް ޓޮޕިކަށް ކަމަށެވެ. މި ކެމްޕެއިން މެދުވެރިކޮށް އޭރު ލިބުނު ސަމާލުކަން ބޭނުންކޮށް ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ވެސް އެމްއެމްޕީއާރުސީން ވަނީ ޗައިނާގެ މާކެޓަށް އަމާޒުކޮށް މިފަދަ 17 ވީޗެޓް އަދި ވެއިބޯ ކެމްޕޭން ހިންގައި، ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ޗައިނާ ފަތުރުވެރިންތަކެއް ރިސޯޓަށް ދިއުމަށް ފާލަމުގައި މަޑުކޮށްލައިގެން--- ފޮޓޯ/އެމްއެމްޕީއާރުސީ

ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ރާއްކެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ޗައިނާގެ ބޯޑަރުތައް ބަންދުކުރުމުން އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކޮވިޑަށްފަހު ބޯޑަރުތައް ހުޅުވާލުމާއިއެކު ޗައިނާއިން ފުރަތަމަ ފަހަރަށް ޑައިރެކްޓްފްލައިޓެއް އައިސްފައި ވަނީ ޖެނުއަރީމަހުގެ 18 ވަނަ ދުވަހެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މި ހިނގާ މެއިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ވަނީ ރާއްޖެއަށް 34،894 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޗައިނާއަކީ މިހާރު 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ.

ޗައިނާ މާކެޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ރާއްޖެއައި ބެއިޖިން ކެޕިޓަލް އެއާލައިންސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަމުން އަންނަ އެމްއެމްޕީއާރުސީން ބުނީ މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ޗައިނާ މާކެޓަށް އަމާޒުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ތަފާތު އެކިކަހަލަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ ތެރޭގައި އީ ލާނިންގ ތަމްރީން ކުރުމުގެ ކެމްޕެއިނަކާއި، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކުގެ އިތުރުން ޗައިނާގެ އެކި ކުންފުނިތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާކެޓިން ކެމްޕެއިންތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ އިތުރު ކެމްޕެއިންތަކާއި ޗައިނާގައި ބާއްވާ ޓޫރިޒަމް ފެއާތަކުގައި ވެސް ރާއްޖެ އިސްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.