08 May 2023, 18:02
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް (އެފްއެޗްއޭއެމް) 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު މިއަދު ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ތަފާތު އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާ އެފްއެޗްއޭއެމް 2023 ޑިޖިޓަލް ޕާޓްނަރަކަށް ވުމާ ގުޅިގެން ދިރާގުގެ ޕީއާރް އެސިސްޓެންޓް މެނޭޖަރު ޖައިޝަން ހަމީދު "ސަން" އަށް ވިދާޅުވީ މި ފެއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެގޮތުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މި ދަތުރުގައި ހޮސްޕިޓަލިޓީގެ ސިނާއަތަށް ދިރާގުން އަބަދުވެސް އެއްބާރުލުން ދެމުން އަންނަ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް ދިރާގުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށްދާނީ 8 ން 10 މެއި 2023 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެގްޒިބިޓަރުން ވެސް ބައިވެރިވާމި އެގްޒިބިޝަންގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ. މިއީ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.
އެގްޒިބިޝަނާ އެކުއެކީގައި ކުރިއަށްދާ އެފްއެޗްއޭއެމްގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުގައި 75 އަށް ވުރެ ގިނަ ރިސޯޓުން 600 އަށް ވުރެ ގިނަ ޝެފުންގެ ބައިވެރިވާނެއެވެ. ޗެފް ގިލްޑް އޮފް ލަންކާ އާއި ޗެފް ގިލްޑް އޮފް މޯލްޑިވްސްއިން ގުޅިގެން ބާއްވާ މި އިވެންޓަކީ ދިވެހިރާއްޖޭގެ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެކެވެ.