25 Apr 2012, 15:40
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ ޕާލަމެންޓް ގްރޫޕުން ބޮއިކޮޓް ކޮށްފައި ވަނިކޮށް، ޕާލަމެންޓް ގްރޫޕުގެ އެ ނިންމުމާ ދެކޮޅަށް ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕިގެ މެންބަރު ޝިފާގު މުފީދު ޖަލްސާގައި ބައިވެރިވެ ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ނާއިބު ރައީސް މުހައްމަދު ވަހީދުއްދީނަށާއި ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުން ދިނުމަށް ވޯޓު ދެއްވައިފި އެވެ.
އެ ފަރާތްތަކަށް ރުހުން ދިނުމަށް ވޯޓު ދެއްވުމުގެ އިތުރުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް އޭނާ ވަނީ ވާހަކަފުޅު ވެސް ދައްކަވައިފަ އެވެ.
ޝިފާގު މުފީދު ވިދާޅުވީ ގައުމު އެންމެ ސިކުންތަކަށް ވެސް ހުއްޓުވާފައި ބޭއްވުމަކީ އެއްވެސް ސިޔާސީ ފިކުރަކަށް، އެއްވެސް ފަރުދަކަށް، އަދި ޖަމާއަތަކަށްވެސް ލިބިގެންވާ ހައްގެއްނޫން ކަމަށެވެ. އަދި އެ ސަބަބާހެދި ގައުމު ހިންގާނެ ވުޒާރަތައް ގާއިމްކޮށް އެ ވުޒާރާތަކަށް މީހުންލާން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ވަޒީރުންގެ މަޖިލީހަށާއި ނާއިބު ރައީސްކަމަށް އައްޔަން ކުރެއްވުމަށް ހަމަޖައްސަވާފައިވާ މުހައްމަދު ވަހީދުއްދީނަށް ރުހުން ނުދޭން އެމްޑީޕީ މެންބަރުން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ޝިފާގު ވިދާޅުވީ، ވަޒީރުންނަށް މިއަދު ރުހުން ނުދިން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު އަލުން ވަޒީރުން އައްޔަން ކުރައްވަންދެން، އެބޭފުޅުން ވަޒީރު ކަމުގައި ތިއްބަވާނެކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާ ކަމަށެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެފައިވަނީ މިހާރު އޮތީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ އަކީ ވެސް ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނިކޮށް ޝިފާގު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން އެމްޑީޕީން ވަނީ ޝިފާގާ މެދު ފިޔަވަޅު އަޅަން ނިންމާފަ އެވެ.