އުތުރުގެ ރަށަކުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގައި 19 ފިރިހެނަކު ބައިވެރިވި ކަމުގެ ތުހުމަތު ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި 19 ފިރިހެނުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް އެރަށު ބައެއް މީހުން ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި އެ ކުއްޖާގެ އާއިލާގެ މީހުންނާއި ރަށުން ބޭރު މީހުން ހިމެނޭކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކުރާ ކަން އެ ކުއްޖާގެ މަންމައަށް އެނގޭ ކަމަށް، އެ ރަށު ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް މަންމަގެ ފަރާތުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭ ކަމަށް ވެސް އެމީހުން ބުނެއެވެ.

އެ ރަށު މީހުން ބުނާ ގޮތުގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވި، އެ ކުއްޖާ މިިދިޔަ ރޯދަމަހު ސްކޫލަށް ގޮސްފައެއް ނުވެއެވެ.

ނަމަވެސް ކަމާ ބެހޭ އިދާރާއަކުން، މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ރަށު ކައުންސިލަށް ގުޅުމުން ކައުންސިލުގެ ރައީސް ފޯނަށް ޖަވާބުދީފައެއް ނުވެއެވެ. އަދި ނައިބު ރައީސަށް ގުޅައި މިއީ "ސަން"އިން ކަމަށް ބުނުމުން ވަނީ ފޯނު ކަނޑައިލާފައެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެ ކުއްޖާ މާލެ ގެނެސްފައެވެ. އަދި އެ ކުއްޖާއަށް ދޭން ޖެހޭ ހިމާތަތްވެސް ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.