08 May 2023, 16:02
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންނާއި، މެމްބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށާއި، އެ މެމްބަރުންގެ އާއިލާއަށް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ވަނީ އެ ޚިދުމަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަކަށް ހުޅުވާލާފައެވެ.
މަޖިލީހުން ކުރި އިއުލާނުގައިވާގޮތުން އެ ޚިދުމަތް ހޯދުމަށް ބޭނުންވަނީ އަންނަ މަހުގެ 29 އިން ފެށީގެން 2024 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މެއި 2024 އިން 27 މެއި 2025 ގެ ނިޔަލަށް ވެސް އެ ޚިދުމަތް ބޭނުންވާ ކަމަށް އެ އިއުލާނުގައިވެއެވެ.
އެ ޚިދުމަތް ލިބޭ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންނާއި 19 ވަނަ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން / ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި 20 ވަނަ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިން / ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންނަށް ވެސް ހެލްތު އިންޝުއަރެންސް ލިބެއެވެ.
ޚިދުމަތް ދިނުމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށާއި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިލަން ފޮތުގައި ބަޔާން ކޮށްފައިވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަންނާނީ މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ބަނޑޭރި ޕޭ މެދުވެރިކޮށެވެ. މީގެއިތުރުން ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 95،500 ރުފިޔާ ހުށަހަޅަން ޖެހެއެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ފިނޭންސް މިނިސްޓރްީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައެވެ. ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރައި ރައްދު ކުރާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.