މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ މުހިއްމު މެމްބަރުންތަކެއް އެއްފަހަރާ ވަކިވުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ރާވާ ހިންގުމަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދުކުރަން ނިންމައި ވަނީ އެމްއާރްއެމުން އަށް މެންބަރަކު ވަނީ އިއްޔެ އެ ޕާޓީން އިސްތިއުފާދީފައެވެ. އިސްތިއުފާ މެންބަރުންގެ ތެރެއިން ހަތް މެންބަރުންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކެވެ.

މެންބަރުން ވަކިވި މައްސަލައިގައި "ސަން"އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ އެ ބޭފުޅުން ވަކިވެގެން ދިއުމުން ޕާޓީއަށް އުނިކަމާއި ނިކަމެތިކަން ލިބިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ ހިންގުމަށް ކުޑަވެސް މަޑުޖެހުމެއް އަޔަ ނުދީ ވޭތޯ އެ ޕާޓީގެ ރައީސް ފާރިޝް މައުމޫން ހިތްވަރާއެކު މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދަން ވިޔަސް އަޅުގަނޑުމެންގެ ސިޔާސަތުތައް އެބޭފުޅުންނަށް ފެންނަންވާނެތާ. އެހެންވީމަ ޕާޓީގެ ކަންކަން ކުރިއަށް ރާވާ ހިންގާ އަދި ޕާޓީގެ މެނިފެސްޓޯ ހެދުމުގެ މަސައްކަތަށް ވެސް ހުއްޓުމެއް ނާންނާނެ،" އަލީމް ވިދާޅުވިއެވެ.

ޕާޓީގެ ކޮމެޓީގެ ބައްދަލުވުންތައް ކުރިއެކޭ ވެސް އެއްގޮތަށް ބާއްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވައި އަލީމް ވިދާޅުވީ އެގޮތުގެ މަތީން އެކްސްކޯގެ ހުސްވި މަގާމުތަކަށް އިތުރު މެންބަރުން އިންތިޚާބުކުރުމަށް މި ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށެވެ.

ޕާޓީގެ މަސައްކަތަށް ބުރޫނާރާނެ ކަމަށް ވިދާޅުވި ނަމަވެސް އަލީމް ވަނީ އެމްއާރުއެމް އިން އިސްތިއުފާ ދެއްވި އަށް މެންބަރުންނަކީ ވަރަށް ގާބިލް އަދި ޕާޓީއަށް އެހާމެ މުހިއްމު ބޭފުޅުންތަކެއް ކަމަށް ފާހަގަކުރައްވަމުން އޭގެ ސަބަބުން ޕާޓީއަށް ނިކަމެތިކަމެއް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއިން އަންނަނީ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއާ ގުޅެން ދައުވަތު ދީފައިވީ ނަމަވެސް، ރިޔާސީ އިންތިޚާބުގައި ކޯލިޝަން އެހެން ޕާޓީތަކާ ވެސް އެ ޕާޓީން އަންނަނީ މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަނެއް ޕާޓީތައް ކަމުގައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ ހިމެނެއެވެ.

މަޝްވަރާތައް ކުރިޔަސް އިންތިހާބުގައި ކުރިޔަށް ދާނެ ގޮތެއް އެމްއާރުއެމްއިން މިހާތަނަށް ނުނިންމައެވެ.

އެމްއާރްއެމްއިން ކޯލިޝަނަކަށް ނުގޮސް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. އެގޮތުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫނަށް ރިޔާސީ ޓިކެޓު ދޭން ގޮވާލާ އެ ޕާޓީގެ ބައެއް ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުން އަންނަ ކަން ފާހަގަކުރެވެއެވެ.