08 May 2023, 14:42
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާތިލުކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށް ދަނިކޮށް، ރައީސް ސިޓީފުޅެއް އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވީ ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައިގައި ރާއްޖެއިން އެ ގައުމާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.
އެ ސިޓީފުޅު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅެއްގެ ފަރާތުންނެވެ.

އެ މައްސަލައިގައި ވަނީ، އެ ސިޓީފުޅު ބާތިލުކޮށް، ހާމަކޮށް އަދި އެ ސިޓީގެ ޒަރިއްޔާއިން ހިންގާފައިވާ ހުރިހާ މުއާމަލާތްތަކެއް ބާތިލުކޮށްދިނުމަށް އެދިފައެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.
ރައީސްގެ ސިޓީފުޅާ ގުޅިގެން މޮރިޝަސްއިން ވަނީ އެ ސަރަހައްދާ ގުޅޭ ދައުވާ ކުރަން ކުރި ދިރާސާތަކަށް ހޭދަވީ ފައިސާގެ ބަދަލު ހޯދަން ކުރި ދައުވާ އަނބުރާ ގެންގޮސްފައެވެ.
ރާއްޖެއިން ވަކާލާތު ކުރި ގޮތަށް، ދިވެހިންނަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިންމި ނަމަވެސް ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވައި ސަރުކާރާ ދެކޮޅު ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.