ވޮޝިންޓަން (8 މެއި 2023): އެމެރިކާގައި ތަކުރާރުކޮށް ހިނގަމުންދާ ބަޑިޖެހުމުގެ ހާދިސާތަކުގައި މިއަހަރުގެ މިހާތަނަށް 14,700އަށް ގިނަމީހުން މަރުވެއްޖެއެވެ.

ބަޑި ޖެހުމުގެ ހާދިސާތައް ދިރާސާކުރާ ރީސާޗް ގްރޫޕެއްކަމަށްވާ "ގަން ވައިލެންސް އާކައިވް" ބުނާގޮތުން ބަޑިން ހަމަލާދީ މިއަހަރު މަރާލި މީހުންގެ ތެރޭގައި 521 ޒުވާނުންނާއި 93 ކުޑަކުދިން ހިމެނެއެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އެމެރިކާގައި އާންމު ތަންތަނަށް ބަޑިޖަހައިގެން ގަސްދުގައި މީހުން މެރުމުގެ 200 ހާދިސާ ހިނގާފައިވެއެވެ. މީގެ ތެރެއިން އެންމެ ފަހުގެ ހާދިސާ ހިނގީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މިިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ސްޓޭޓެއްކަމަށްވާ ޓެކްސަސްގެ އަލެން ސިޓީގެ ވިޔަފާރި މަރުކަޒެއްގެ ކުރިމަތީގައި ބަޑިއެއް ހިފައިގެންހުރި މީހަކު އާންމުންނަށް ހަމަލާދީ އަށް މީހަކުވަނީ މަރާލާފައެވެ. އަދި ފުލުހުންވަނީ ބަޑިޖަހައި އެމީހާ މަރާލާފައެވެ.

ބަޑިޖެހުމުގެ ހާދިސާތައް މިފަހަކަށް އައިސް އެމެރިކާގައި އާދަޔާ ޚިލާފަށް އިތުރުވަމުންދާކަންވެސް "ގަން ވައިލެންސް އާކައިވް" ގްރޫޕުން ފާހަގަކުރެއެވެ. ބަޑިޖެހުމުގެ ހާދިސާތަކުގައި މިއަހަރުގެ މިހާތަނަށް 14،700އަށް ވުރެ ގިނަމީހުން މަރުވެފައިވާއިރު އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 40،000 އާއި 50،000އާ ދެމެދުގެ އަދަދަކަށް އެމެރިކާގައި މީހުން މަރާ ކަމަށް އެގުރޫޕުން ނެރުނު ބަޔާނެއް ބުނެއެވެ.

އެމެރިކާގައި އާންމުން ބަޑި ގެންގުޅެން ހުއްދަ ކުރުމާ ދެކޮޅަށް ހަދާފައިވާ އިޝްތިހާރެއް --

ބަޑި ޖަހައިގެން މިހާގިނަ އަދަދަކަށް އެމެރިކާގައި މީހުން މެރި ނަމަވެސް ބަޑި ގެންގުޅުން މަނާކުރުމަށް އެމެރިކާގެ ކޮންގްރެސްއިން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެމެރިކާގެ ދޮން މީހުންގެ ތެރޭގައި ހިމެނޭ ބާރާއި ނުފޫޒުގަދަ މުއްސަނދި އެލީޓުން ދެކޭގޮތުގައި އަމިއްލަ ހަތިޔާރުގެ ގޮތުގައި ހަތިޔާރު ގެންގުޅުމަކީ ބާރާއި ނުފޫޒާއި ހައިބަތުގެ ރަމްޒެކެވެ. އެއީ ދޫކޮށްލެވޭ ވަރަށްވުރެ މާބޮޑު ހައްގެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އެމެރިކާގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ގެންދަނީ މިހާގިނަ އަދަދެއްގެ މީހުން ބަޑިޖެހުމުގެ ހާދިސާތަކުގައި މަރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރީގެ ރައީސެއްކަމަށްވާ ބަރަކް އޮބާމާގެ ވެރިކަމުގައި ބަޑި ގެންގުޅުން މަނާކުރެވޭނެ ގޮތަކާބެހޭގޮތުން އެމެރިކާ ސަރުކާރުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާތަކެއްވެސް ކުރިއެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ސަޕޯޓް ނެތުމުން އެކަން ކޮޅެއްގައި ޖެހޭގޮތެއް ނުވިއެވެ.

އެމެރިކާގެ ގާނޫނު އަސާސީގައިވެސް ބަޑި ގެންގުޅުމުގެ ހުއްދަ އެމެރިކާގެ އާންމުންނަށް ދެއެވެ. ބަޑި ގެންގުޅުން މަނާކުރަން ދަތިވާ މައިގަނޑު ސަބަބަކީވެސް މިއެވެ. ބަޑީގެ ހާދިސާގައި މަރުވާމީހުންގެ އިތުރުން އަމިއްލައަށް މަރުވާމީހުންގެ އަދަދުވެސް އެމެރިކާގައި ދަނީ އިތުރުވަމުންނެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް އަށް ހާހަށްވުރެ ގިނަމީހުން އަމިއްލައަށް މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރެއިން ގިނަމީހުން މަރުވެފައިވަނީ އަމިއްލަ ގަޔަށް ބަޑިޖަހައިގެންނެވެ.