25 Apr 2012, 15:20
މުޒާހަރާކުރުމަށް ޖުމްހޫރީ މައިދާނަށް އެއްނުވެވޭނެ ކަމަށް، އެއްވެއުޅުމުގެ ގަވައިދުގައި އޮންނަ މާއްދާ ބާތިލު ނުކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ނިންމައިފި އެވެ.
ޖުމްހޫރީ މައިދާނުގައި މުޒާހަރާކުރުން މަނާކޮށްފައިވާ މާއްދާ ބާތިލުނުކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ އެއްވެ އުޅުމާ ބެހޭ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލުކުރުމަށް ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު މިއަދު ވިދާޅުވީ ދުނިޔޭގެ ދިމިއުގުރާތީ ގައުމުތަކުގައި އޮންނަ ގޮތްތަކަށް ރިއާޔަތްކުރާ އިރު، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަކީ ސަރުކާރުގެ އޮފީސްތައް ހުންނަ ސަރަހައްދަކަށްވާތީއާ އަދި އެ ސަރަހައްދަކީ ފަތުރުވެރިން ވެސް އާންމުކޮށް ގޮސް އުޅޭ ސަރަހައްދަކަށް ވާތީ އެ ސަރަހައްދުގައި އެއްވެ އުޅުން މަނާކުރެވިދާނެ ކަމަށެވެ.
އަޒުމިރާލްދާ ޒާހިރު ވިދާޅުވީ އެއްވެ އުޅުމާ ބެހޭ ގަވާއިދުގެ ބައެއް މާއްދާތައް އުވާލެއްވީ އެ މާއްދާތަކަކީ ޣައިރު ދުސްތޫރީ މާއްދާތަކެއް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާތީ ކަމަށެވެ.
އެ ގަވާއިދުގެ ތިން ވަނަ މާއްދާގައި އެއްވުމެއް ބޭއްވުމުގެ 14 ދުވަސްކުރިން އެ އެއްވުމަށް ޒިންމާވާ ތިން މީހަކު އެއްވުން ބާއްވާ ކަމުގެ ނޯޓިސް ފުލުސް އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވާ ވާތީ، އެ 14 ދުވަހުގެ ނޯޓިސް ދޭން ނުޖެހޭނެ ކަމަށް މިއަދު ވަނީ ކަނޑައަޅައިފަ އެވެ. އަދި އެއްވުމަށް ޒިންމާވާ ތިން މީހުންގެ ޝަރުތައް ބަޔާންކޮށްފައިވާ އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ވެސް ވަނީ ބާތިލުކޮށްފަ އެވެ.
އެއްވެ އުޅުމާ ބެހޭ ގަވާއިދުގެ ހަ ވަނަ މާއްދާގައި އެއްވުމެއް ބާއްވާކަމުގެ ނޯޓިސް ފުލުސް އޮފީހަށް ހުށަހެޅުމުން އެ އެއްވުމެއް ނޫބޭއްވުމަށް އެންގުމުގެ ބާރު ފުލުސް އޮފީހަށް ލިބިގެންވާ ކަމަށް އޮތުމުން އެ ބައި ވެސް ވަނީ ބާތިލުކޮށްފަ އެވެ.
ރޭގަނޑު 10 އިން ފެށިގެން ހެނދުނު 8:00 އާ ދެމެދު އެއްވުންތައް ބޭއްވުމަކީ މަނާކަމެއްކަމަށް އެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބުނެފައި ވާތީ އެ މާއްދާއަކީ ވެސް ޣައިރު ދުސްތޫރީ މާއްދާއެއް ކަމަށް ކަނޑައަޅައި އެ މާއްދާ ވެސް ވަނީ ބާތިލުކޮށްފަ އެވެ.
އެއްވެ އުޅުމާ ބެހޭ ގަވާއިދުގެ ބައެއް މާއްދާތައް ހައިކޯޓުން މިއަދު ބާތިލު ކުރި އިރު އެއްވެ އުޅުމާ ބެހޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.