ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އިނާޔަތް އަންނަ ޖޫން މަހު ބޮޑުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެމުން އަންނަނީ މަހަކު 2،000 ރުފިޔާއެވެ. ނަމަވެސް އެ އަދަދު 5،000 އަށް ބޮޑު ކޮށްދިނުމަށް ލޯފަން މީހުންގެ ޖަމުއިއްޔާގެ ފަރާތުން ވަނީ 2021 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހުގައި ދަންނަވާފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ސަން" އަށް ވިދާޅުވީ، މިދިޔަ އަހަރު އިނާޔަތް ބޮޑު ނުކުރެވުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ނުނިމި އޮތުމުން ކަމަށެވެ.

"މިދިޔަ އަހަރު އެކަން ނުކުރެވުނީ ރެޖިސްޓްރީ އެކުލަވާލުމާއި ކަންކަން އެއްކޮށް ނުނިމި އޮތީމާ. މި ޖޫން ގަ ހަމަ ބޮޑުވާނެ." މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުން މިއުވާން ވިދާޅުވީ، ބޮޑު ކުރަނީ ކިހާވަރަކަށް ކަން ވިދާޅުވާން ދަތި ކަމަށާއި، އެކަން އިއުލާން ކުރައްވާނީ ރައީސް ކަމަށެވެ.