08 May 2023, 12:20
ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކޮށްދެއްވި އާބިދާ އަހުމަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރުފުޅަކީ 66 އަހަރެވެ.
އޭނާ ނިޔާވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓްރީ އާ ވަކިވެގެން އެ ދިޔައީ ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ. އަދި، ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓްރީ އަށް އޭނާ ޚިދުމަތް އަދާ ކުރައްވާފައިވާ ކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އާބިދާ އަކީ އެންމެންގެ އެކުވެރިއެއް ކަމަށާއި އޭނާގެ ހަނދާން މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ.
އާބިދާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1978 ވަނަ އަހަރު މުލީއާގޭ މެއިޑެއްގެ ގޮތުގައެވެ. އެ ވާޒީފާއިން ވަކިވެވަޑައިގަތުމަށް ފަހު އަލުން ޚިދުމަތް ފެއްޓެވީ 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.
އަދި، 1985 އިން ފެށިގެން ޚިދުމަތް ކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގައެވެ. ފޮރިން މިނިސްޓްރީގައި އާބިދާ އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އިދާރީ ހިންގުމާބެހޭ ސެކްޝަން ތަކުގައްޔާއި، ޑިޕާޓްމަންޓްތަކުގައެވެ.
އަދި، ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ އެ ގައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގެ މަސައްކަތްތަކުގައި ވެސް ޚިދުމަތްކޮށްދެއްވިއެވެ.
މީގެއިތުރުން، ޒަމާނާއެކު މިނިސްޓްރީގެ އިދާރީ ހިންގުމަށް އަންނަމުންދިޔަ ބަދަލުތައް ތަންފީޒު ކުރުމުގައި އާބިދާގެ ހިއްސާ ބޮޑުކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
އާބިދާގެ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.