25 Apr 2012, 15:09
މާލޭގައި ދިރިއުޅޭ ފަގީރުންގެ ނިސްބަތް ހަތް އަހަރު ދުވަހުގެ ތެރޭގައި ހަތް ޕަސެންޓަށް އުފުލި މާލޭގައި ފަގީރުންގެ ހާލަތު ގޯސްވެއްޖެ ކަމަށް ސަރުކާރުން އާންމު ކުރި ގޭބިސީގެ އާމްދަނީ އާއި ހަރަދުތަކުގެ ސާވޭން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން 2009 އަކާއި 2010 ގައި މުޅި ރާއްޖޭގެ ގޭބިސީތަކުގެ މެދުގައި ކުރި އެ ސާވޭއިން ދައްކާގޮތުން ދުވާލެއްގެ މައްޗަށް އެއް ޑޮލަރު (އޭރުގެ ރޭޓުން 12.75ރ.) އާމްދަނީ އަށް ނުލިބޭ މީހުންގެ ނިސްބަތް މާލޭގައި ހަތް ޕަސެންޓަށް އުފުލުނިއިރު 2003 ގައި އެ އަދަދު ހުރީ ދެ ޕަސެންޓުގަ އެވެ. އަދި ދުވާލަކަށް 22ރ. ނުލިބޭ މީހުންގެ ނިސްބަތް 2003 ގައި ހުރީ ނުވަ ޕަސެންޓްގަ އެވެ. ނަމަވެސް އެ އަދަދު 2010 ގައި ވަނީ 19 ޕަސެންޓަށް އުފުލިފަ އެވެ.
މާލެއަށް ފަގީރުންގެ މައްސަލަ ބޮޑުކަން ދެއްކި ނަމަވެސް އަތޮޅުތަކުގައި ފަގީރުންގެ ނިސްބަތް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ދުވާލަކަށް ޑޮލަރެއް އާމްދަނީއަށް ނުލިބޭ މީހުންގެ ނިސްބަތް 2010 ގައި އަށް ޕަސެންޓަށް ތިރިވިއިރު ދެ ޑޮލަރުގެ އާމްދަނީ ނުލިބޭ މިންގަޑުވެސް ވަނީ 27 ޕަސެންޓަށް ތިރިވެފަ އެވެ.
އެ ނަތީޖާއާ އެކު މުޅި ރާއްޖޭގެ ފަގީރުކަން ދުނިޔޭގެ މިނގަޑުން ބަލާނަމަ ހުރީ އަށް ޕަސެންޓްގަ އެވެ.
ދިރާސާއިން ދައްކާގޮތުން ގޭބިސީއެއްގައި އެވްރެޖްކޮށް ހަ މީހުން ދިރިއުޅޭއިރު އޭގެތެރެއިން އާމްދަނީ ލިބެނީ ދެ މީހަކަށެވެ. އެހެން ކަމުން ދެން ބާކީ ތިބި އެންމެން ނަކީ ޑިޕެންޑެންޓް މީހުންނެވެ.
ފަގީރުންނާއި މުއްސަދިންގެ ފަރަގު މިންކުރާ، ޖިނީ ކޯއިފިޝަންޓް މިންގަޑު ރާއްޖޭގައި ހުރީ 0.37 ގަ އެވެ. އެ މިންގަޑު މާލޭގައި ހުރީ 0.38 މައްޗަށް ގޮސްފަ އެވެ. ދެހާސްތިނެއްގައި ހުރީ 0.35 ގަ އެވެ.
ދިރާސާއިން ފާހަގަވި އެހެން ކަންތައްތަކަށް ބަލާއިރު ގޭބިސީތަކުން ކާ އެއްޗިއްސަށް ކުރާ ހަރަދު ވަނީ 27 ޕަސެންޓުން 18 ޕަސެންޓަށް ދަށްވެފަ އެވެ. އަދި ބޯހިޔާވަހިކަމާއި ކަރަންޓާއި ފެނަށް ކޮށްފައިވާ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ގޭބިސީތަކަށް 57 ޕަސެންޓް އާމްދަނީއެއް ލިބެނީ މުސާރައިން ލިބޭ އެއްޗަކުންނެވެ. ދެން އެންމެ ގިނައިން ގޯތި ގެދޮރުގެ ކުލިންނެވެ. އަދި ގޭބިސީއަކަށް މަހެއްގެ މައްޗަށް 16736ރ. ވަނީ ލިބިފަ އެވެ. އަދި ވަކި ފަރުދަކަށް މަހެއްގެ މައްޗަށް 2746ރ. ވަނީ ލިބިފަ އެވެ.
އިންޓަނޭޝަނަލް ލޭބާ އޮގައިނައިޒޭޝަން (އައިއެލްއޯ)ގެ މިންގަޑުން ބަލާއިރު ވަޒީފާނެތް މީހުންގެ ނިސްބަތް ހުރީ 12 ޕަސެންޓްގަ އެވެ. އަދި ރާއްޖޭގެ މިންގަޑުން ބަލާނަމަ އެ އަދަދުހުރީ 28 ޕަސެންޓްގަ އެވެ. މިއީ އައިއެލްއޯއިން ރެކޮމެންޑް ކުރާ ވަރަށް ވުރެ ބޮޑު އަދަދުތަކެކެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ވަޒީފާނެތް މީހުންގެ އަދަދު މަތީގައި ހުރީ އެކަށީގެންވާ ވަޒީފެއް ނެތިގެންނާއި ވަޒީފާއެއް ނުލިބިގެން ކަމަށް ބުނެ މަސައްކަތް ނުކުރާ މީހުންގެ އަދަދު ބޮޑުވުމާ ހެދި އެވެ.