ގދ. ތިނަދޫގައި ދެ ސައިކަލް ޖެހި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 19 އަހަރުގެ ޒުވާނާއަށް އޭޑީކޭގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ ޒުވާނާގެ އާއިލާގެ މެންބަރަކު "ސަން"އަށް މައުލޫތު ދެމުން ބުނީ، އެ އެކްސިޑެންޓުގެ ސަބަބުން އޭނާގެ ބޮލުގެ ނާށިގަނޑުގައި ރެނދު ލާފައި ވާކަމަށެވެ. އަދި މޫނަށް ވެސް އަނިޔާވެފައި ވާކަމަށް އޭނާ ބުންޏެވެ.

"އަނގަމަތީ ބޭރުން ހުރީ ހަން މެށިފަ. ޑޮކްޓަރު ބުނީ، އެތެރެއިން ކަށިތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާކަމަށް. އެހެންވެ ވާހަކަ ދައްކަން މަސައްކަތް ކުރިއަސް ވާހަކައެއް ވެސް ނުދެއްކޭ. އެހާ ހިތްވަރެއް ނުހުރޭ،" އޭނާ ބުންޏެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، އަނިޔާތަކުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

"އަދި ޓެސްޓުތައް ހަދާފަ ޑޮކްޓަރު ޓެސްޓުތައް ބެލީމަ އިނގޭނީ،" އޭނާ ބުންޏެވެ.

މި އެކްސިޑެންޓުގައި ދެން އަނިޔާވެފައި ވަނީ އުމުރުން ދުވަސްވީ މީހަކަށެވެ. ނަމަވެސް އޭނާއަށް މާބޮޑު އަނިޔާއެއް ނުވެއެވެ.