08 May 2023, 11:08
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުގައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
އެ މަނިކުފާނުގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އެ ގައުމުގެ ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރަސްގެފާނު ޗާލްސް ތިނެއް ރަސްމީގޮތުން ރަސްކަމާ ހަވާލުވުމަށް ބާއްވާ ރަސްމިއްޔާތު އޮތީ މިދިޔަ ހޮނިހިރު ދުވަހު، ވެސްޓްމިންސްޓާ އެބީގައެވެ.
ރައީސްގެ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ލީޑަރުނާ، އިއްޒަތްތެރިންނަށް ބާއްވާ ޚާއްސަ އިވެންޓެއްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިނގިރޭސި ތަޚުތަށް ރަސްގެފާނު ޗާލްސް އިސްވެވަޑައިގެންފައި ވަނީ މަންމާފުޅު ރާނީ އެލިޒަބަތު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން ރައީސްގެ ދެކަނބަލުން ވަނީ ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، ރާނީއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރައްވާފައެވެ.