އެމެރިކާ މީހުން ހަނދަށް ދިޔަކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެންނަންނެތް ކަމަށް ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސްގެ ކުރީގެ ވެރިޔާ ޑިމިޓްރީ ރޮގޯޒިން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އެޕޯލޯ 11 މިޝަން 1969 ވަނަ އަހަރު ހަގީގަތުގައި ވެސް ހަނދަށް ޖައްސާފައިވޭތޯ ސުވާލުކުރައްވަމުން، ރޮގޯޒިން ވިދާޅުވީ އަދިވެސް އެކަމުގެ ފުރިހަމަ ސާފު ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

ރޮގޯޒިންގެ ޓެލެގްރާމް ޗެނަލްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ހަގީގަތް ހޯދުމުގެ މަސައްކަތް މީގެ 10 ވަރަކަށް އަހަރުކުރިން އޭނާ ފެއްޓެވި ކަމަށާއި އޭރު އޭނާ ހުންނެވީ ރަޝިއާގެ ޖައްވީއިދާރާގެ ވެރިޔާގެ މަގާމުގައި ކަމަށެވެ. އޭނާ ވިދާޅުވީ ނާސާއާމެދު ޝައްކު އުފެދެން ފެށީ، ޖައްވީ ދަތުރުތަކަށް ފަހު އަންނަ ސޯވިއެޓް ކޮސްމޮނޯޓުންގެ ހާލަތާއި އެޕޯލޯ 11ގެ ފަޅުވެރިންގެ ހާލަތު އަޅާ ބެލުމުން ކަމަށެވެ. އެގޮތުން ރަޝިއާގެ ކޮސްމޮނޯޓުން ވަރަށް ވަރުބަލިވެފައި ތިބޭ ނަމަވެސް އެޕޯލޯ 11ގެ ކުރޫއަށް މާބޮޑު އަސަރެއް ކޮށްފައިވާހެން ބަލާބެލުމަށް ހީނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮގޯޒިން ވިދާޅުވި ގޮތުގައި އެމެރިކާއިން ހަނދަށް ދިޔަ ކަމުގެ ހެކި ރޮސްކޮމޮސްއަށް ފޯރުކޮށްދޭން އޭނާ އޭރު ނާސާގައި އެދުނެވެ. އޭގެ ރައްދުގައި އޭނާއަށް ލިބުނީ، ސޯވިއެޓް ކޮސްމޮނޯޓް އެލެކްސީ ލިއޮނޮވް އެމެރިކާގެ އެސްޓްރޮނޯޓުންނާ ވާހަކަ ދެއްކުމަށް ފަހު ލިޔެފައިވާ ފޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮގޯޒިން ލިޔުއްވާފައިވާ ގޮތުގައި އޭނާ 2018 ވަނަ އަހަރު ރޮސްކޮސްމޯސްގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި އިރު ވެސް އޭނާ ގެންދެވީ އެމެރިކާއިން ހަނދަށް ދިޔަ ކަމުގެ ހެކި ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރޮގޯޒިން ބުނި ގޮތުގައި އޭނާއަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ނަން ހާމަނުކުރާ ގިނަ އިލްމުވެރިން ރުޅިވެރިކަމާ އެކު އޭނާ އަށް ފާޑުކިޔައި، ނާސާއާ އޮތް ގުޅުން ހީނަރުކުރަން އުޅޭ ކަމަށް ތުހުމަތު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮސްކޮސްމޮސްގެ ކުރީގެ ވެރިޔާ އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ ގުޅުންތައް ގޯސްވާ ކަމަށް ތުހުމަތުކޮށް، އިސް އޮފިޝަލެއްގެ ރުޅިގަދަ ފޯން ކޯލެއްވެސް އޭނާއަށް ލިބިފައިވާ ކަމަށެވެ.

ރޮގޯޒިން ވިދާޅުވީ 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ލިބުނު ނަމަވެސް އެމެރިކާއަށް އަލުން ހަނދަށް ދެވިފައި ނުވާ ކަމަށެވެ.

ރޮގޯޒިން މިހެން ވިދާޅުވިނަމަވެސް އެޕޯލޯ 11 އަކީ ހަނދަށް އިންސާނުން ގެންދިޔަ ފުރަތަމަ މިޝަން ކަމަށާއި، ހަނދުގެ ސަތަޙައިގައި އެންމެ ފުރަތަމަ ހިނގި އިންސާނުންގެ ގޮތުގައި ނީލް އާމްސްޓްރޯންގް އާއި ބަޒް އެލްޑްރިން ވަނީ ތާރީޚުގައި ލިޔެވިފައިވެއެވެ.