08 May 2023, 08:49
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން ބަލިވެ, ތިންވަނައިގައި ލީޑު ފުޅާކޮށްލުމަށް ނިއުކާސަލް ޔުނައިޓެޑަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.
ނިއުކާސަލް ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަލިވީ ތާވަލުގެ ދެވަނައިގައި އޮތް އާސެނަލް އަތުންނެވެ. އެ މެޗު އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު އާސެނަލުން ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. މިސީޒަނުގައި ރަނގަޅު ނަތީޖާތަކަކާއެކު ލީގުގެ ގަދަ ހަތަރަކަށް މަސައްކަތްކުރާ ނިއުކާސަލަށް ރޭގެ މެޗުން ގެއްލުނީ މުހިންމު ތިން ޕޮއިންޓެވެ. ނަމަވެސް ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވެސް ރޭ ކުޅުނު މެޗުން ބަލިވުމުން، ނިއުކާސަލަށް ތިންވަނަ މަގާމު ގެއްލިފައެއް ނުވެއެވެ. މިހާރު ނިއުކާސަލާއި ޔުނައިޓެޑާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.
ރޭގެ މެޗުގައި ގޯލު ޖަހައި، ލީޑު ހޯދުމަށް ފުރަތަމަ ފުރުސަތު ލިބިފައިވަނީ ނިއުކާސަލަށެވެ. މެޗުގެ ދެވަނަ މިނެޓުގައި ޖޯ ވިލޮކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖެކޮބް މާފީ ފޮނުވާލި ހަމަލާ އަމާޒުވީ އާސެނަލް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 14 ވަނަ މިނެޓުގައި އާސެނަލުން ވަނީ ގޯލެއް ޖަހައި، ލީޑު ހޯދައިފައެވެ. ޖޯޖީނިއޯ ދިން ބޯޅައަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމަށް މޮޅު ކުޅުމެއް ދައްކަމުންދާ ކެޕްޓަން މާޓިން އޮޑެގާޑްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލާފައިވަނީ ނިއުކާސަލް ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލް އަދި ނިއުކާސަލަށް ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އާސެނަލުން ބްރެޒިލް މިޑްފީލްޑަރު ގެބްރިއަލް މާޓިނެލީ އާއި އޮޑެގާޑް އަދި ބުކަޔޯ ސަކާ ފޮނުވާލި ހަމަލާތައް ނިއުކާސަލްގެ އިނގިރޭސި ގޯލްކީޕަރު ނިކް ޕޯޕް މަތަކުރި އިރު، ނިއުކާސަލްގެ ވިލޮކް ފޮނުވާލި ހަމަލާ އާސެނަލްގެ އިނގިރޭސި ކީޕަރު އާރޮން ރަމްސްޑޭލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ނިއުކާސަލަށް ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، އާސެނަލަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ނިއުކާސަލްގެ ސްވިޑަން ފޯވަޑް އެލެކްސެންޑާ އިސާކް ފޮނުވާލި ހަމަލާ އާސެނަލް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ޝާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އާސެނަލްގެ ކީޕަރު ރަމްސްޑޭލްއެވެ. އަދި އާސެނަލްގެ މާޓިނެލީ ފޮނުވާލި ހަމަލާ އަމާޒުވީ ނިއުކާސަލް ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 71 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މާޓިނެލީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނިއުކާސަލްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެޓީމުގެ މިޑްފީލްޑަރު ޝާގެ ފައިގައި ޖެހި ބައިކޮޅަށެވެ.