އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އަނެއްކާވެސް މުހިންމު ތިން ޕޮއިންޓް ގެއްލުވާލައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ލީގު މެޗުގައި ވެސްޓް ހާމް އަތުން ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ލީގު މެޗުގައި ވެސް ބްރައިޓަން އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެ ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ޔުނައިޓެޑާއި ފަސްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ނަމަވެސް ލިވަޕޫލުން ވަނީ ޔުނައިޓެޑަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ހަމަލާތަކެއް އުފައްދައިފައެވެ. ޔުނައިޓެޑުގެ ގިނަ ހަމަލާތަކެއް ވެސްޓް ހާމްގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އެންމެ ނުރައްކާތެރި ހަމަލާއަކަށް ފެނުނީ މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާއެވެ. އޭނާގެ އެ ހަމަލާ އަމާޒުވީ ވެސްޓް ހާމް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ވެސްޓް ހާމުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބޯޅަ ހިފައިގެން ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ވެސްޓް ހާމްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އަލްޖީރިއާ ފޯވަޑް ސައީދް ބެންރަހުމާއެވެ. އޭނާގެ ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޔުނައިޓެޑުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ އަތުގައި ޖެހިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކޮށްފައިވަނީ ވެސްޓް ހާމުންނެވެ. ބެންރަހުމާ ފޮނުވާލި ހަމަލާއެއް ޔުނައިޓެޑުގެ ޑިފެންޑަރު އާރޮން ވެން ބިސާކާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ވެސްޓް ހާމްގެ ޗެކް ރިޕަބްލިކް މިޑްފީލްޑަރު ތޯމަސް ސޫޗެކް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔުނައިޓެޑުގެ ކީޕަރު ޑެހެއާއެވެ.

ވެސްޓް ހާމުން ގޯލުގެ ތެރެއަށް ދެ ބޯޅައެއް ފޮނުވާލި ނަމަވެސް، އެ ދެ ފަހަރުވެސް ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. ޔުނައިޓެޑުގެ ގޯލަށް ޖެރޮޑް ބޮވެން ބޯޅަ ފޮނުވާލި އިރު، ގޯލެއް ކަމަށް ބަލާފައި ނުވަނީ އޭގެ ކުރިން ފައުލްކޮށްފައިވުމުންނެވެ. އަދި އޭގެ ފަހުން ގޯލުގެ ތެރެއަށް ސޫޗެކް ބޯޅަ ފޮނުވާލި އިރު، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، ނެދަލެންޑްސް ފޯވަޑް ވޫޓް ވެގްހޯސްޓް އާއި ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ވެގްހޯސްޓް އަދި މާޝިއަލް ފޮނުވާލި ހަމަލާ ވެސް ވެސްޓް ހާމްގެ ޕޮލެންޑް ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފައެވެ.